ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރީ ބާރުތަކުގެ ތެރެއިން ގަދަ 5 ގައި ގުނާލެވޭ އަވަށްޓެރި އިންޑިއާގެ އަސްކަރިއްޔާއަށް އާ މެންބަރުން ރެކްރޫޓު ކުރުމުގެ ސްކީމަށް ގެނައި އިސްލާހާއެކު އާންމުންގެ މެދުގައި ހިތްހަމަނުޖެހުން އުފެދި، އެތައް ބަޔަކު މުޒާހަރާއަށް ނުކުމެއްޖެއެވެ.

އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށް ވާ ބިހާރުގެ މަގުތަކަށް ނުކުތް އާންމުން ވަނީ ޓަޔަރުތައް އަންދާ، މައި ހައިވޭތައް ބަންދުކޮށްފައެވެ. ޑިމާންޑަކަށް ވީ ރެކްރޫޓިންގް ސްކީމަށް ގެނައި އިސްލާހް އަނބުރާ ގެންދިއުމެވެ. ނަމަވެސް ފުލުހުން ވަނީ ކަރުނަ ގޭހުގެ ބާރުގެ ބޭނުން ކޮށްފައެވެ. އަދި ބައެއް ސަރަހައްދުތަކުގައި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިންގި ކަމަށްވެސް ހަބަރު ލިބެއެވެ.

ކަޝްމީރުގައި އިންޑިއާ ސިފައިން/ފޮޓޯ: ޑީއެންއޭ އިންޑިއާ

އިންޑިއާގެ އަސްކަރިއްޔާއަށް އާ މެންބަރުން ރެކްރޫޓު ކުރުމުގެ ސްކީމަށް ބަދަލު ގެނެސް، "އަގްނީ ޕާތު" ނުވަތަ އަލިފާނުގެ ރާސްތާ ޕްރޮގްރާމް ތައާރަފު ކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ މަޝްރޫއު އަމާޒު ކުރަނީ އުމުރުން 17.5 އާއި 21 އަހަރާ ދެމެދުގެ ޒުވާން ކުދިންނަށެވެ. ރެކްރޫޓްމަންޓް ކާމިޔާބު ކުރާ ޒުވާނުން 4 އަހަރު ދުވަހުގެ މުއްދަތަށް އަސްކަރިއްޔާއަށް ނަގާ އިރު، އޭގެ ފަހުން ވަޒީފާ ދެމެހެއްޓޭނީ، އޭގެ ތެރެއިން އެންމެ 25 ޕަސެންޓް ސިފައިންނަށް ކަމަށް ވަނީ ކަނޑައަޅާފައެވެ.

މިފަދަ ސްކީމެއް ތައާރަފު ކުރުމުގެ މަގުސަދަކީ އަސްކަރީ ފައުޖުތަކަށް ކުރަން ޖެހޭ ހަރަދު ކުޑަ ކުރުމެވެ. މުސާރައާއި ޕެންޝަނަށް ބޮޑު ހަރަދެއް ހިނގާ އިރު، ދިފާއީ ބަޖެޓްގެ 2 ބައިކުޅަ 1 ބައި ހޭދަ ވަނީ އެކަމަށެވެ. އެހެން ކަމުން ސިފައިންގެ އަދަދު ކޮންޓްރޯލް ކުރުމުން، ދިފާއީ ބާރު ޒަމާނީ ކުރުމަށް މާލީ ގޮތުން ފުރުސަތު ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން އިންޑިއާ ސިފައިންގެ ލަޝްކަރުގެ ތަސްވީރު ޒުވާން ކުރާނެ ކަމަށްވެސް އިންޑިއާގެ ސަރުކާރުން ވަނީ ބުނެފައެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ފޯރިމަރަނީ/ފޮޓޯ: އޭޕީ

އާ އުސޫލާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކުން ބުނަމުން ދަނީ، ވަޒީފާގެ ޔަގީން ކަން ކުޑަ ކަމަށެވެ. ވަޒީފާ ދެންޏާ ދޭންވީ ކަމަށާ، ނޫންނަމަ މަރާލުމަށްވެސް މުޒާހަރާވެސް ބައިވެރިން ވަނީ ގޮވާފައެވެ.

އަސްކަރީ ޖެނެރަލުންގެ އިތުރުން ދިފާއީ ތަޖުރިބާކާރުންވެސް ވަނީ އިންޑިއާގެ އާ ސްކީމަށް ފާޑު ވިދާޅުވެފައެވެ. އެ ސްކީމްގެ ސަބަބުން އަސްކަރިއްޔާގެ އޮނިގަނޑު ބަލިކަށިވާ ކަމަށާ، ގައުމީ ސަލާމަތަށް އިންތިހާއަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. ވަކިން ހާއްސަކޮށް، ބޯޑަރު ހިއްސާ ކުރާ ޗައިނާއާއި ޕާކިސްތާނާ ދެމެދު އިންޑިއާގައި އޮންނަ ހަސަދަވެރިކަމާ ދެބަސްވުންތަކުގެ ސަބަބުން ނުތަވަސްކަން ވަކިން ބޮޑެވެ.

ފައިސާ ރައްކާ ކުރުމަކީ ރަނގަޅު ކަމެއް ކަމަށާ، ނަމަވެސް އެކަން ކުރުމުގެ އަގަކީ ދިފާއީ ފައުޖުތައް ކަމުގައި ވެގެން ނުވާނެ ކަމަށް ރިޓާޔަޑް މޭޖާ ޖެނެރަލް ޝިއޮނަން ސިންހް ވަނީ ވިދާޅުވެފައެވެ. ތަޖުރިބާކާރު ސިފައިންގެ މީހަކު ގޮވައިގެން ހަނގުރާމައަށް ގޮސް، އެމީހާ މަރުވުމުން، އެންމެ 4 އަހަރުގެ ތަޖުރިބާ ހުރި ޒުވާން މެންބަރަކަށް، ތަޖުރިބާކާރު މެންބަރުގެ ދައުރު އަދާ ކުރެވިދާނެ ތޯވެސް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

އިންޑިއާގެ އަސްކަރީ ފައުޖަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް އެންމެ މެންބަރުން ގިނަ ފައުޖުތަކުގެ ތެރޭގައި ހިމެނޭ އަސްކަރީ ބާރެކެވެ. 1.4 މިލިއަން ސިފައިންގެ ފައުޖެއް އޮތް އިރު، އެންމެ މުވައްޒަފުން ގިނައީވެސް އަސްކަރިއްޔާގައެވެ. ކޮންމެ އަހަރަކުވެސް އެތައް މިލިއަން ބަޔަކު، އިންޑިއާ އަސްކަރިއްޔާގެ ވަޒީފާއަށް އެދި ހުށަހަޅައެވެ.

ސްރީނަގަރުގައި އިންޑިއާގެ އޮފިޝަލުން ފޯރިމަރަނީ/ފޮޓޯ: ރޮއިޓާޒް

ކޮންމެ އަހަރަކުވެސް 60000 ސިފައިން، މަގާމުން މުސްކުޅި ކުރެއެވެ. އަދި ބަދަލު މެންބަރުން ހޮވުމަށް 100 އެއްހާ ރެލީ ކުރިއަށް ގެންދެއެވެ. ނަމަވެސް އަސްކަރިއްޔާއަށް މެންބަރުން ރެކްރޫޓު ކުރުން، ފާއިތުވީ އަހަރުތަކުގައި އޮތީ މަޑުޖައްސާލަފައެވެ. ސަބަބަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ޣެ ބަލިމަޑުކަން ކަމަށް އޮފިޝަލުން ވިދާޅުވި ނަމަވެސް، ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ސަބަބަކީ އަސްކަރިއްޔާއަށް އޮތް ވަސީލަތްތައް ހީނަރުވެ، ޒަމާނީ ވުމަށް ތަކުލީފު އުފުލަން ޖެހުމެވެ.

"އަގްނީޕާތު" މަޝްރޫއުގެ ދަށުން އިންޑިއާގެ އަސްކަރިއްޔާއަށް މިއަހަރު 46000 މެންބަރުން ރެކްރޫޓު ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ. 6 މަސް ދުވަހުގެ ތަމްރީނަށް ފަހު 3 އަހަރާއި ބައިގެ މުއްދަތަށް ސިފައިންގެ ވަޒީފާއަށް ނެރޭ މެންބަރުންނަށް މަހު މުސާރައިގެ ގޮތުގައި 30000 ރުޕީޒް ނުވަތަ 384 އެއްހާ ޑޮލަރު ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އިނާޔަތްތަކާއެކު 40000 ރުޕީޒްގެ މަހު މުސާރައެއް ޖެހޭނެއެވެ.

4 އަހަރު ދުވަހަކީ އަސްކަރީ ތަމްރީނާއި ތަޖުރިބާއަށް އެންމެ އެކަށީގެންވާ މުއްދަތު ކަމުގައި ނުވާ އިރު، 4 އަހަރު އަހަރަށް ފަހު ވަޒީފާ ގެއްލިދާ ބަޔަކަށް، ބަރު ހަތިޔަރު އޮޕަރޭޓް ކުރަން ދަސްކޮށްދީފައި އޮތުމަކީ ބޮޑު ނުރައްކަލެއް ކަމަށް ތަޖުރިބާކާރުން ފާހަގަ ކުރައްވައެވެ.