ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ޝަމްއާންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ވަނީ ޝަރިއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޝަމްއާން ހިމެނޭހެން އިމިގްރޭޝަންގެ ފަސް މުވައްޒަފަކު ހައްޔަރުކޮށްފައި ވެއެވެ. އެގޮތުން މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ 3 މީހުންނަކީ ތ. ބުރުނި، މޫނިމާގެ އުމުރުން 21 އަހަރުގެ މުހައްމަދު އަލްސަނަ އިސްމާއީލް، ގ.ހެޕީސައިޑް އުމުރުން 37 އަހަރުގެ އިބްރާހިމް އަހްމަދު އަދި ހަމައެގޭ އުމުރުން 47 އަހަރުގެ ހަސަން ސަހެޝާންއެވެ. ހަމައެއާއެކު މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ޝަމްއާން ހައްޔަރުކޮށްފައި ވާ އިރު، މިދިޔަ މަހުގެ 23 ވަނަ ދުވަހު މ.ހަޒާރީވިލާ އުމުރުން 40 އަހަރުގެ އަހްމަދު ލައްސާނު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައިގައި ފުލުހުން ހިންގި ތަހުގީގާ ގުޅިގެން ހާމަކޮށްފައިވާ މައުލުމާތަށް ބަލާއިރު، މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރޭ އިމިގްރޭޝަންގެ މުވައްޒަފުން، މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން އޮޕަރޭޝަނެއް ހިންގާފައިވާ އިރު އެ އޮޕަރޭޝަން ހިންގީ ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށެވެ. އަދި އިމިގްރޭޝަނުން އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށެވެ.

އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު އޭރު ކޮންޓްރޯލަ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝަމްއާނަށް އެނގިވަޑައިގަންނަވާ ކަމަށާއި އެ އޮޕަރޭޝަން ހިންގި ތަނަށް އެންމެ ފުރަތަމަ ދިޔައީ އިމިގްރޭޝަންގެ އެފަދަ އޮޕަރޭޝަންތައް ހިންގުމުގެ ވަޒީފާގެ މަސްއޫލިއްޔަތު ނެތް ތިން މުވައްޒަފުން ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެއީ ކޮންޓްރޯލާ ޖެނެރަލްގެ ބިއުރޯ އަދި ބިއުރޯގެ ދަށުން ހިންގާ ޕްލޭނިން އަދި މީޑިއާގައި މަސައްކަތް ކުރާ ތިން މުވައްޒަފުން ކަމަށާއި އެ އޮޕަރޭޝަންގައި ހަތް ބިދޭސީ މަސައްކަތްތެރިން ހުއްޓުވައި ބަލައި ފާސްކުރިކަމަށް ފުލުހުން ބުނެފައި ވެއެވެ. އޭގެ ފަހުން އެފަދަ އޮޕަރޭޝަންތަކަށް ހާއްސަކޮށްފައިވާ އިމިގްރޭޝަންގެ ޓީމެއް އެރޭ ގެނެސް، އަލުން ސީން ޕްރޮސެސްކޮށް، ހައްޔަރު ކުރެވުނު ބިދޭސީންގެ ތަކެތި ސީލްކޮށް ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައިވެއެވެ.

މި އޮޕަރޭޝަނުގައި އިމިގްރޭޝަނުން ހައްޔަރު ކުރި ބިދޭސީންތަކަކީ ގަވާއިދާ އެއްގޮތަށް ލިޔެކިޔުންތައް ހުރި ބިދޭސިން ކަމަށާއި ހައްޔަރުކުރި ބިދޭސީންގެ ތެރެއިން، އެކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނުނު އިރު މި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު މ. ސްޓާ ކްލައުޑްގައި ހުންނަ އިމިގްރޭޝަންގެ އޮފީހަށް އޭނާ ގެންދިޔަ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އޭނާ ދޫކޮށްލީ ޝަމްއާންގެ އިރުޝާދުގެ ދަށުން އެކަން "އާޖެންޓް" ކަމެއްގެ ގޮތުގައި އަމަލުކުރުމަށް އަންގައިގެންނެވެ.

ދޫކޮށްލި ބިދޭސީ މީހާއާ ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވީ މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ އިމިގްރޭޝަން މުވައްޒަފެއްގެ އާއިލާ މެންބަރެއް ކަމަށް ވެސް ފުލުހުން ބުނެއެވެ. ބިދޭސީ މީހާ ހައްޔަރު ކުރި އިރު އޭނާގެ އަތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ފައިސާ ވަނީ އޭނާ ދޫކޮށްލިއިރު ކޮތަޅަކަށް އަޅާފައި އަނބުރާ ހަވާލުކޮށްފައި ވެއެވެ. އަދި އެމީހާ ދޫކޮށްލުމުނ އޭނާ ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވި މީހާ ސައިކަލެއްގައި ދިޔަ ނަމަވެސް ޝަހީދު އަލީ ހިނގުމުން އިމިގްރޭޝަން މުވައްޒަފަކާއެކު އޭނާ އިމިގްރޭޝަންގެ އުޅަނދަށް އެރިއެވެ.

އެ އުޅަނދު މާލޭގެ އެކި ސަރަހައްދުތަކުގައި ދުއްވާފައިވާ ބިދޭސީ މީހާ އޭނާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް ގެންދިއުމަށްފަހު މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ އިމިގްރޭޝަން މުވައްޒަފަކު ސައިކަލެއްގައި ވެލާނާ ބިލްޑިން ކައިރިއަށް ގޮސް އިމިގްރޭޝަންގެ އުޅަނދުން ފައިސާ އެޅި ކޮތަޅު ނަގައިގެން ޝަމްއާންގެ ގެއަށް އެ ކޮތަޅު ގެންގޮސްފައިވެއެވެ. ފުލުހުން ބުނެއެވެ. މި މައުލޫމާތު ލިބުމާއެކު ކޯޓު އަމުރެއްގެ ދަށުން އޭނާގެ ގެ ބަލައި ފާސްކުރި އިރު 257،475 ރުފިޔާ އާއި 10،000 ޑޮލަރު އަދި އެހެން ބައެއް ގައުމުތަކުގެ ފައިސާ ފެނިފައިވެއެވެ.