މާދަމާ ދިރާސީ އައު އަހަރު ކިޔެވުން ފެށޭއިރު އެޑިއުކޭޝަން މިނިސްޓްރީން ވާންޖެހޭ ހުރިހާ ތައްޔާރީތައްވެ ނިމިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ދިރާސީ އައު އަހަރު ފެށުމަށްޓަކައި އެވުޒާރާއިން ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޑރ.އިސްމާއީލް ޝަފީއު ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރަކީވެސް ވަސީލަތްތައްތައް ހަމަ އަހަރަކަށް ވެގެންދާނެކަމަށެވެ.
މީގެ އިތުރުން އިސްމާއީލް ޝަފީއު ވިދާޅުވީ ދަރިވަރުންނަށް ބޭނުންވާ ފޮތްތަކާއި، މުދައްރިސުން އަދި ސްކޫލަށް ބޭނުންވާ އަސާސީ އެންމެހައި ކަންކަން ހަމަވެފައިވާ އަހަރެއްގެ ގޮތުގައި މި ދިރާސީ އަހަރުގެ ކިޔެވުން ފެށިގެންދާނެ ކަމަށެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ ފެންވަރު ރަނގަޅު އަމާން ވެއްޓެއްގައި ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ދެވިގެންދާނީ މުދައްރިސުންނާ، ބެލެނިވެރިން އަދި މުޅި މުޖްތަމައު ގުޅިގެން ކުރަމުންދާ މަސައްކަތުންކަމަށެވެ. އެހެންކަމުން މި ފެށޭ ދިރާސީ އައު އަހަރަކީ އެންމެން ގުޅިގެން ދަރިވަރުންގެ ކިޔެވުމަށް މަސައްކަތްކުރާ އަހަރެއްގެ ގޮތުގައި ހެދުމަށް މިނިސްޓަރު ވަނީ އިލްތިމާސްކޮށްފައެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން މި މަހުގެ 6 ގައި ފަށާއިރު، ދިރާސީ އަހަރު ނިމޭނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.