ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ގދ. ކަޑެވާރެހާ އިންޓެގްރޭޓެޑް ޓޫރިޒަމަށް ހާއްސަކުރުމަށް ގދ. ހޯޑެއްދޫގެ އިހުތިސޯސުން ވަކިކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު މިފަދައިން ނިންމަވާފައިވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 1-56 ވަނަ މާއްދާގެ ދަށުން ކަމަށެވެ. ރައީސް މުއިއްޒު ހުވަދު އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ވަނީ ހޯޑެއްދޫއަށް ވަޑައިގެން ކައުންސިލްތަކަށް އާމްދަނީ ހޯދައިދިނުމަށް ރަށާއި ކައިރި ފަޅުރަށްރަށުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ހިންގޭނެ ގޮތަށް ހަމަޖައްސެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުންވެސް ރައީސް ވަނީ ހޯޑެއްދޫގެ އުދައެރުމާއި ރަށްގިރުމުގެ މައްސަލައަށްވެސް މި އަހަރުގެ ބަޖެޓުގެ ތެރެއިން ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށާއި، ތައުލީމާއި ސިއްހީ ދާއިރާގެ އިތުރުން ކުޅިވަރުގެ އެކި ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ހޯޑޭއްދޫ ކައުންސިލުން މީގެ ކުރިން ވަނީ ކަޑެވާރެހާގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.
މިދިޔަ އަހަރު އެ ކައުންސިލުން އާންމު ކޮށްފައިވާ ގޮތުގައި ކަޑެވާރެހާގައި 100 ވިލާ ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ.