ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރެއްގައި މިރޭ އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ހަލީލް ވިދާޅުވީ އިންޑިއާއަށް ކުރައްވާ މި ދަތުރަކީ ނިއުދިއްލީގައި ބާއްވާ "ރައިސީނާ ޑައިލޮގް" ގެ 10 ވަނަ އެޑިޝަންގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.
މި ދަތުރުގައި "ކްލައިމެޓް ކެޓަކްލިޒަމް: ދަ އެޑަޕްޓޭޝަން އެޖެންޑާ އިޒް ގޭސްޕިން" ޕެނަލް ޑިސްކަޝަންގައިވެސް މިނިސްޓަރު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ދަތުރު ނިންމަވާލެއްވުމަށްފަހު މިނިސްޓަރު ހަލީލު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.
ރައިސީނާ ޑައިލޮގަކީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒާއި އޮބްޒާވާ ރިސާޗް ފައުންޑޭޝަން (އޯއާރުއެފް) އާ ގުޅިގެން ބާއްވާ ބައިނަލްއަގުވާމީ ކޮންފަރެންސެވެ.
އެގޮތުން އިންޑިއާގެ ދިއްލީގައި ބާއްވާ މި ކޮންފަރެންސްގައި 100 އަށް ވުރެ ގިނަ ގައުމުތަކުން ސަރުކާރުގެ އިސްވެރިންނާއި މިނިސްޓަރުންނާއި އަސްކަރީ ކޮމާންޑަރުންގެ އިތުރުން އިގްތިސޯދީ އަދި ވިޔަފާރީގެ ދާއިރާތަކުގެ ވެރިން ކޮންމެ އަހަރަކުވެސް ބައިވެރިވެއެވެ.