ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން އިންޑިއާގެ ކްރިކެޓް ޓީމެއް ކަމަށްވާ މުމްބާއީ އިންޑިއަންސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެމްއެމްޕީއާރުސީން ބުނީ މި ޕާޓްނަޝިޕްގެ ދަށުން މުމްބާއީ އިންޑިއަންސްއާއެކު ސޯޝަލް މީޑިއާ އަދި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން ހާއްސަ ކެމްޕޭންތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ހަމައެހެންމެ އެ ޓީމްގެ ކުޅުންތެރިން ބައިވެރިވާ ގޮތަށް އިންޑިއާގެ އެކި ސަރަހައްދުތަކުގައި ރާއްޖެ އިޝްތިހާރުކުރަން ހަރަކާތްތައް ބާއްވާނެ ކަމަށް ވެއެވެ.

މީގ އިތުރުން ވެސް ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަން ހާއްސަ ޕްރޮމޯޝަންތަކާއި އޮފާތައް އެ ޓީމް މެދުވެރިކޮށް އިޝްތިހާރު ކުރުމާއި އިންޑިއާގެ ރަސްމީ ކްރިކެޓް ލީގް، އައިޕީއެލްގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. މި އެއްބަސްވުމާ އެކު ރާއްޖޭގެ ރަސްމީ ޓޫރިޒަމް ބްރޭންޑް، ވިޒިޓް މޯލްޑިވްސްއަކީ މުމްބާއީ އިންޑިއަންސް ޓީމުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު ނުވަތަ އެ ޓީމްގެ ރަސްމީ ޓޫރިޒަމް މަންޒިލްގެ ގޮތުގައި ވެސް އިއުލާންކޮށްފައި ވެއެވެ.

އިންޑިއާގެ ކްރިކެޑް ލީގް، އައިޕީއެލްގައި ފަސް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ މުމްބާއީ އިންޑިއަންސްއަކީ އިންޑިއާގެ އެންމެ އަގު ބޮޑު އެއް ކްރިކެޓް ޓީމެވެ. އެ ޓީމުގައި އިންޑިއާގެ ގައުމީ ކުރިކެޓް ޓީމްގެ ކެޕްޓަން ރޯހިތު ޝަރުމާ އަދި ހާޑިކް ޕަންޑިޔާ ފަދަ މަގުބޫލް ކުޅުންތެރިން ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ ކުރިކެޓަކީ އިންޑިއާގައި އެންމެ މަގުބޫލު އަދި ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން މީހުން ބަލާ ކުޅިވަރަށް ވާއިރު، މި އެއްބަސްވުމާ އެކު އިންޑިއާ އަދި ބައިނަލްއަގްވާމީ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުވާނެ ކަމަށެވެ. އަދި ގިނަ ބައެއްގެ ސަމާލުކަން ރާއްޖޭގެ ޓޫރިޒަމަށް ލިބެން މަގުފަހިވާނެ ކަމަށްވެސް ޝިއުރީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއަހަރު އިންޑިއާއިން 2 ލައްކަ ފަތުރުވެރިން ގެނައުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް މި އެއްބަސްވުން މުހިންމު ދައުރެއް އަދާކުރާނެކަމަށެވެ.

އިންޑިއާ އަކީ މީގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމަަށް ވެފައި އޮތް ނަމަވެސް ދެ ގައުމުގެ ދޭތެރޭ ނުތަނަވަސްކަން އުފެދި އިންޑިއާ މީހުން ވަނީ ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލާފައެވެ. ނަމަވެސް އެއަށްފަހު ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އިންޑިއާ އަދި ރާއްޖެއިން ވެސް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ހިންގި އެންމެ ބޮޑު ޕްރޮޖެކްޓު ކަން ފާހަގަކޮށްލެވެއެވެ.