ސައުދި އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، މަތްރެކް އަލް އަޖަލިން އަލްދޮސަރީ މިއަދު ހެނދުނު ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލުގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ސައުދީ ސަފީރު ވަނީ އެމަނިކުފާނުގެ ދައުރުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންނެވި މެހެމާންދާރީ އާއި ރަހުމަތްތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އުހުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ސައުދި އަރަބިއްޔާއާ ދެމެދު އޮތް ގާތް ގުޅުން ބަދަހިކުރުމަށް ސަފީރު ކުރެއްވި އަގުހުރި މަސައްކަތްތަކަށް ސަފީރަށް ވަނީ ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކޮށްފައެވެ. އަދި މުހިންމު ދާއިރާތަކުގައި ދެ ގައުމުގެ ދެމެދުގައި ގާތް ގުޅުން ކުރިއެރުވުމަށް ސަފީރު ކުރެއްވި މަސައްކަތްތައްވެސް މިނިސްޓަރު ހަލީލު ވަނީ ފާހަގަކުރައްވާފައެވެ.

ހަލީލް ވަނީ އަލަށް ވަޑައިގަންނަވާ ސަފީރަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

މަތްރެކް އަލް އަޖަލިން އަލްދޮސަރީ ސައުދި އަރަބިއްޔާއިން ދިވެހިރާއްޖޭގެ ސަފީރަކަށް ހަމަޖައްސަވާފައިވަނީ 2020 ވަނަ އަހަރުއެވެ.