ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެން ބްރޯޑްކޮމްގެ މެންބަރެއްގެ މަގާމު ހުސްވެ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. އެ މަގާމަށް ކުރިމަތިލެވޭނީ 18 އަހަރުވެފައިވާ ދިވެހިންގެ ތެރެއިން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައި ނުވާ މީހުންނަށެވެ.
ރައީސް އޮފީހުން ބުނީ، އެ މަގާމަށް ކުރިމަތިލާ ނަމަ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަން ކުރެވޭ މަގާމެއްގައި ހުރި މީހަކަށް ނުވަތަ ސިވިލް ސާވިސްގެ ނުވަތަ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެންވެސް ވަޒީފާއެއް އަދާކުރާ މީހަކަށް ނުވަތަ ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި މާލީ މަސްލަހަތެއް އޮތް މީހަކަށް ވެގެން ނުވާނެ ކަމަށެވެ.
ބްރޯޑްކޮމްގެ މެންބަރުން އައްޔަން ކުރާނީ އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުއްވެވުމުން މަޖިލީހުންނެވެ. މެންބަރުން އައްޔަން ކުރާނީ އިންޓަވިއު ކުރުމަށްފަހު ލިބޭ މާކްސްއަށް ބެލުމަށްފަހުއެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު ބްރޯޑްކޮމްގެ މެންބަރުކަމުން ފަޒީން އިސްތިއުފާ ދެއްވާފައި ވަނީ އޭނާ އެ މަގާމުން ވަކިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މައްސަލައެއް ބަލައި އޭނާ މަގާމުން ވަކިކުރުމަށް ނިންމާފައި ވަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކޮމިޓީން ބަލަމުން ދިޔައީ ފަޒީން އާ ގުޅުން ހުރި ޖިންސީ ފުރައްސާރައާ ގުޅޭ މައްސަލައެކެވެ.