ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝަމީލްގެ މައްޗަށް ޖިނާއި ތަހުގީގެއް ހިންގައި ދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހަޅާފައިވާ ކަން ހާމަކުރައްވަމުން އަޒްމިރާލްދާގެ ވަކީލު މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަޒްމިރާލްދާގެ މައްޗަށް ޖިނާއި ތަހުގީގެއް ހިންގަން އޭސީސީން ފަށާފައި ނުވަނިސް، ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް ބުނެ ޝާމިލް ޖޭއެސްސީއަށް ސިޓީއެއް ފޮނުވި މައްސަލައާ ގުޅިގެން ކަމަށެވެ. އެއީ ދޮގު ހެކި ދިނުން ކަމަށާއި އަޒްމިރާލްދާ އަށް ނުފޫޒު ފޯރުވި މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުގައި އެދިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
އަަޒްމިރާލްދާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައިގެ ޖޭއެސްސީގެ ތަހުގީގީ ރިޕޯޓަށް އޭނާގެ ފަރާތުން މިއަދު ވަނީ ޖަވާބު ދީފައެވެ. އަދި ޖޭއެސްސީ އަށް ހުށަހަޅާފައިވާ ޖަވާބުގައި ކަންކަން ސާބިތުކުރަން 29 ހެކި ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ އަކީ ސާބިތުނުވާ ކަމެއް ކަމަށް ކަނޑައަޅައި ދޭން ވެސް ވަނީ އެދިފައެވެ.
އަޒްމިރާލްދާ ހުށަހެޅި ޖަވާބުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު އެ މައްސަލަ ބަލަން ނިންމީ އިޖުރާއަތާ ހިލާފަށް ކަމަށާއި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައި ވަނީ ގާނޫނުއަސާސިއާ ގާނޫނާ ހިލާފަށެވެ. ޖަވާބު ދިނުމާއި ދިފާއުވުމުގެ ހައްގަށް އެ ކޮމިޝަނުން ހުރަސްއަޅާފައި ވާތީ އެކަމާ ގުޅިގެން އިޖުރާއީ ގޮތުން ކަންކަން ހުށަހެޅުމަށް ވެސް ހުރަސްތަކެއް ކުރިމަތިވި ކަމަށާއި ކޮމެޓިގެ ބައްދަލުވުން އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ނުގެންދިޔުމަށް ނިންމާފައި ވަނީ ގާނޫނީ ހަމައެއް ނެތި ކަމަށް ވެސް އަޒްމިރާލްދާ ގެ ޖަވާބުގައި ވެއެވެ.
ކޮމިޓީގެ ރިޕޯޓުގައި ހަގީގަތާ ހިލާފަށް ކަންކަން ފާހަގަކޮށްފައިވާ ކަމަށާއި ތަހުގީގު ހިންގަނީ މައްސަލަ ބަލަންޖެހޭ އަސާސެއް ވެސް ނެތި ނުނިޔަތެއްގައި ކަމަށް ވެސް ވެއެވެ. އަދި ސުލޫކީ މިންގަނޑު ހިލާފުވިކަމަށް ބަޔާންކުރާ އެއްވެސް މާއްދާއެއް މައްސަލައަށް ފެތޭ ހާލަތެއްވެސް ނެތް ކަމަށް ވެއެވެ.
އަޒްމިރަލްދާގެ ފަރާތުން ފުލުހަށް މައްސަލަ ހުށަހަޅާފައިވާ އިރު، އޭނާ ވަނީ ޝާމިލް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ދޮގު މައުލޫމާތު ހިމެނި ކަމަށް ތުހުމަތު ކުރައްވައި، އޭސީސީއަށް ވެސް މިދިޔަ މަހު މައްސަލަ ހުށަހަޅާފައެވެ. އަދި އެ ކޮމިޝަނުން އެ މައްސަލަ ވަނީ ބަލައިގެންފައެވެ.
ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ފަށަން ތައްޔާރުވެފައި ވަނިކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އަޒްމިރަލްދާ ހިމެނޭހެން ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއް ސުއޫދު، މިދިޔަ ފެބްރުއަރީ 26 ވަނަ ދުވަހު ސަސްޕެންޑު ކުރީ އޭސީސީން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށް ބުނެއެވެ. މި ފަނޑިޔާރުންގެ މައްސަލަ ބަލަމުންދާ ކަމަށް އޭސީސީން ބުނެފައިވާ އިރު، އެ ފަނޑިޔާރުންގެ މައްޗަށް ކުރާ ތުހުމަތު ހާމަ ނުކުރަން އޭސީސީން ވަނީ ނިންމާފައެވެ. އެއީ ތަހުގީގަށް ހުރަސް އެޅިދާނެތީ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.