ދުނިޔެއަށް މިއަދު ދިމާވާ ގޮންޖެހުންތަަށް ނުފޫޒު ނުފޯރުވާ ސުލްހަވެރިކަމާއެކު ހައްލު ހޯދުމަށް ބަންޑުންގެ އުސޫލުތައް މުހިންމުކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ އުޒްބަކިސްތާނުގެ ތަޝްކެންޓުގައި ކުރިއަށްދާ އިންޓަ ޕާލިމަންޓްރީ ޔޫނިއަންގެ 150 ވަނަ އެސެމްބްލީގެ ހަވާސާގައި ކުރިއަށްދާ ނަން އެލައިންޑް މޫވްމެންޓް ޕާލިމަންޓްރީ ނެޓްވޯކުގެ 4 ވަނަ ކޮންފެރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ބަންޑުންގެ އުސޫލުތަކަށް 70 އަހަރު ފުރުން: ބަންޑުންގެ އުސޫލުތައް ދެމެހެއްޓުމުގައި މަޖިލީހުގެ ދައުރު" މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވަނީ މި އުސޫލުތައް ދެމެހެއްޓުމުގައި ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އެއާއެކު މިނިވަންކަމާއި، ސިޔާދަތާއި ބައިނަލް އަގުވާމީ އަގުތައް ދެމެހެއްޓުމަށް ޕާލިމަންޓްރީ ފިޔަވަޅު ތަކެއް އަލުން އެޅުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

މީގެއިތުރުން ކުދި ޖަޒީރާ ގައުމުތަކުގެ ނާޒުކު ކަމުގެ މައްޗަށް އަލިއްޅުއްވާލައްވަމުން އަބްދުއްރަހީމް ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިމާވާ ކަންކަމުގައި އެއްބާރުލުން ދިނުމަށްވެސް ގޮވާލައްވާފައެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ސީދާ ގޮތެއްގައި ރާއްޖެއަށް ކުރާކަމަށާއި، މިފަދަ ގައުމުތަކަށް ނަން އެލައިންޑް މޫވްމެންޓް (ނާމް)ގެ މެމްބަރު ގައުމުތަކުން ދޭ އަހައްމިއްޔަތުކަން އިތުރަށް ހަރުދަނާ ކުރުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

އަބްދުއްރަހީމް ވަނީ އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނާއި ލާމަރުކަޒީ ގާނޫނު ފަދަ ގާނޫނުތައް މެދުވެރިކޮށް އިންކްލޫސިވް ޑިވެލޮޕްމެންޓު ކުރިއެރުވުމުގައި ރައްޔިތުންގެ މަޖިލީހުން ހޯދާފައިވާ ކުރިއެރުންތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި ގާނޫނު ތަކުގެ ސަބަބުން މުޖުތަމައަށް ހަމަހަކަން ލިބި، ކުރިއަރާފައިވާކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން އަބްދުއްރަހީމް ވަނީ ނާމްގެ މެމްބަރު ގައުމުތަކުން އެއްބައިވެ، ސުލްހައާއި އިސްތިގުލާލާއި އިންސާފު ދިފާއުކުރެއްވުމަށް ގޮވާލައްވާފައެވެ.