ރާއްޖެއާއި އިންޑިއާއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް ދެ ގައުމުގެ އަމިއްލަ ފައިސާއިން ކުރެވޭނެ ގޮތް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)އިން ހަމަޖައްސައިފިއެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ކުރާ ފައިސާގެ މުއާމަލާތްތަކުގައި ރުފިޔާ އާއި ރުޕީސް ބޭނުންކުރުމަށް އެމްއެމްއޭ އާއި އާރުބީއައިއާ ދެމެދު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި ފަހުމުނާމާގެ ދަށުން މިއަދުން ފެށިގެން ދެ ގައުމުގެ މެދުގައި ރުޕީސްއާއި ރުފިޔާއިން މުއާމަލާތު ކުރެވޭނެކަމަށް އާރުބީއައި އިން ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ރައީސް ޑރ.މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި ވަނީ، ދެ ގައުމުގެ މެދުގައި ކުރާ ފައިސާގެ މުއާމަލާތްތަކުގައި ރުފިޔާއާއި ރުޕީސް ބޭނުންކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
އެމްއެމްއޭ އާއި އާރުބީއައިއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގައި ވަނީ ކަރަންޓް އެކައުންޓު މުއާމަލާތްތަކާއި، ހުއްދަ ކުރެވޭ ކެޕިޓަލް އެކައުންޓް މުއާމަލާތްތަކާއި އެހެނިހެން އިގުތިސާދީ، މާލީ މުއާމަލާތްތަކުގައި ދެ ގައުމުން އެއްބަސްވާ ގޮތެއްގެ މަތީން ރުފިޔާއާއި ރުޕީސް ބޭނުންކުރުމަށް ބާރު އަޅައިފައެވެ.