ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ޑރ. ޖައިޝަންކަރު، ތަރައްގީގެ ދައިރާތަކުގައި އިންޑިއާ އަދި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ނިއުދިއްލީގައި ބާއްވާ "ރައިސީނާ ޑައިލޮގް" ގެ 10 ވަނަ އެޑިޝަންގެ ހަވާސާގެ ތެރެއިންނެވެ. މިކަމާ ގުޅިގެން މިނިސްޓަރު ހަލީލު ވިދާޅުވީ ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ތަރައްގީގެ އެއްބާރުލުމާ ބެހޭގޮތުން މަޝްވަރާކޮށް، ދެފަރާތުގެ މަސްލަހަތު އެކުލެވޭ ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމަށް މިނިސްޓަރު ޖައިޝަންކަރާއެކު މަޝްވަރާ ކުރެވުނު ކަމަށެވެ.

މި މަހުގެ 17 އިން 19 އަށް ކުރިއަށްދާ "ރައިސީނާ ޑައިލޮގް" ގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ހަލީލް އިންޑިއާއަށް ވަޑައިގެންފައިވަނީ މި މަހުގެ 16 ގައެވެ. ރައިސީނާ ޑައިލޮގަކީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒާއި އޮބްޒާވާ ރިސާޗް ފައުންޑޭޝަން (އޯއާރުއެފް) އާ ގުޅިގެން ބާއްވާ ބައިނަލްއަގުވާމީ ކޮންފަރެންސެވެ.

އެގޮތުން އިންޑިއާގެ ދިއްލީގައި ބާއްވާ މި ކޮންފަރެންސްގައި 100 އަށް ވުރެ ގިނަ ގައުމުތަކުން ސަރުކާރުގެ އިސްވެރިންނާއި މިނިސްޓަރުންނާއި އަސްކަރީ ކޮމާންޑަރުންގެ އިތުރުން އިގްތިސޯދީ އަދި ވިޔަފާރީގެ ދާއިރާތަކުގެ ވެރިން ކޮންމެ އަހަރަކުވެސް ބައިވެރިވެއެވެ.