ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އާ ރައީސް، އަބޫދާބީގެ ވެރިޔާ އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރު ޝައިހު މުހައްމަދު ބިން ޒާއިދު އަލް ނަޙްޔާންއާ ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ ޔޫއޭއީގެ ކުރީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑަރު އައްޝައިހު ހަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން އާއިލާއަށް ތައުޒިޔާ ދެންނެވުމަށާއި އެ އާއިލާގެ ހިތާމައިގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް ސޯލިހު މިހާރު ޔޫއޭއީ އަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް ސޯލިހު ވަނީ ޔޫއޭއީގެ އާ ރައީސްއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވީތީ އުފާކުރައްވާ ކަމަށާއި ކުރީގެ ރައީސް އައްޝައިހު ހަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކުކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ އަބޫދާބީގެ ވެރިޔާ އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރު ޝައިހު މުހައްމަދު ބިން ޒައިދު އަލް ނަޙްޔާން، ޔޫއޭއީގެ ރައީސްގެ މަގާމާއި ހަވާލުވެގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ، އެމަނިކުފާނުގެ އެންމެހައި ޒިންމާތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.