މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ވޯޓުލާން ފަށާނީ ހެނދުނު 9 ޖަހާއިރު ކަމަށް އެމްޑީޕީން ބުނެފިއެވެ.

މާދަމާ ތިން އިންތިހާބެއް ބާއްވާ އިރު އެއީ އެޕާޓީގެ ޗެއާޕާސަން އިންތިހާބާއި އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިތްވަރުގެ އިންތިހާބެވެ. މި އިންތިހާބުގައި 94،000 އަށްވުރެ ގިނަ މީހުން ވޯޓުލާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

މި އިންތިހާބަށް ވޯޓުލުން ހެނދުނު 9 އިން ހަވީރު 4 އަށް ކުރިއަށް ދާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިހާބުގައި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ (އިންތި)އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއެވެ.

އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނެ ގޮތުގެ އުސޫލު:

  • ވޯޓުލާން ދާ އެއްވެސް މީހަކު ވޯޓުލުމަށްފަހު، އެ މަރުކަޒުގައި މަޑުކުރުން މަނާ
  • އިންތިހާބުތައް ކުރިއަށްދާ ދުވަހު ކެމްޕޭންގެ ގޮތުގައި ބެލެވޭ އެއްވެސް ހަރަކާތެއް ކުރުން ވެސް މަނާ
  • އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓް ވޯޓުލާން މެނުވީ ވޯޓުލާ މަރުކަޒަށް ވަނުމާއި އެތަނުގައި މަޑުކުރުން މަނާ
  • އިންތިހާބުގައި ވޯޓުލާ ނިމޭތާ 15 މިނިޓު ތެރޭގައި ވޯޓު ގުނަން ޖެހޭނެ
ވޯޓު ފޮށިތައް ހުންނާނެ ތަންތަން

އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލާން ޝަރުތު ހަމަވާ ކޮންމެ މީހަކަށް ވޯޓުލެވޭއިރު، އަންހެނުންގެ ރޫހުގެ އިންތިހާބުގައި ވޯޓު ލެވޭނީ އެމްޑީޕީގެ އަންހެން މެމްބަރުންނަށެވެ. އަދި ޒުވާނުންގެ ހިތްވަރަށް ވޯޓު ލެވޭނީ މެއި 14 ވަނަ ދުވަހާއި ހަމައަށް 35 އަހަރު ނުފުރޭ އެމްޑީޕީގެ މެމްބަރުންނަށެވެ.

މި އިންތިހާބުގައި ޖުމްލަ 282 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ނިންމާފައެވެ.