ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސްކިރާ މިންވަރު ދޫކޮށްލުމަށްފަހު އަނެއްކާވެސް މަސް ގަންނަ މިންވަރު މަދުކޮށް، ކޮންމެ ދުވަހަކުވެސް ދޯންޏަކުން 7 ޓަނު މަސް ކިރާ ގޮތަށް ނިންމައިފިއެވެ.
ހުވަދު އަތޮޅަށް ގިނައިން މަސްބާނާ ދުވަސްކޮޅަކަށް ވުމާއެކު ކުރިން މަސް ކިރަމުން އައި 5 ޓަނު ބަދަލުކުރުމަށް މަސްވެރިންނާ މިފްކޯ ވާހަކަދައްކައިގެން ވަނީ ނިންމާފައެވެ.
އެގޮތުން ނިންމާފައިވަނީ އެ ދުވަހަކަށް މަސް ކިރަން ކަނޑައަޅާ މިންވަރު ހަމަވަންދެން ދޯނި ފަހަރުގައި ހުރި ހުރިހައި މަހެއް ކިރުމަށެވެ. އެގޮތަށް ނިންމައި ކޫއްޑޫގައި ކިއުގައި ޖެހިފައި ހުރި ހުރިހާ ދޯންޏެއްގައި ހުރި ހުރިހައި މަހެއް ކިރައި ނިންމިއެވެ. އަދި 5 ޓަނު ކިރާ ގޮތަށް އޮތް އޮތުން ދޫކޮށްލައި ހުރިހާ މަހެއް ކިރި ނަމަވެސް މައްސަލަ ހޫނުވެ، އިހުތިޖާޖުކޮށް އަނެއްކާ 5 ޓަނަށް ބަދަލުކުރިއެވެ.
މިއަދު މިފްކޯއިން ބުނީ ދެކުނުގެ މަސްވެރިކަން ވަރަށް ބޮޑަށް ތިޔާގިވުމާ ގުޅިގެން ކުންފުނީގެ ގާބިލުކަން ހުރި މިންވަރަށްވުރެ އިތުރަށް މިހާރުވެސް މަސް ގަންނަ ކަމަށެވެ. އަދި މަސް ގަނޑުކުރަން ވަގުތު ބޭނުންވުމާއި އިތުރު ބައެއް މައްސަލަތައް ކުރިމަތިވާތީ މާދަމައިން ފެށިގެން ދޯންޏަކުން 7 ޓަނަށްވުރެ އިތުރަށް ނުކިރަން ނިންމާފައިވާ ކަމަށެވެެ.
މިހާރު މަސް ބާނާ މިންވަރު އެއްވަރެއްގައި ހިފަހެއްޓިފައި ހުރުމުން ދޯންޏަކުން މަސް ކިރާ މިންވަރު ހަތް ޓަނުގައި ހިފަހެއްޓުމުން އެ ކުންފުނީގެ ގާބިލުކަން ހުރި މިންވަރަށް މެނޭޖުކުރެވޭނެ ކަމަށް ވެސް މިފްކޯއިން ބުނެއެވެ.