ނިމިދިޔަ މަސްވެރިންގެ ދުވަހުން ފެށިގެން 470 މިލިއަނެއްހާ ރުފިޔާ މަސްވެރިން ބާނާ މަހަށް ގަވާއިދުން ދެވިފައިވާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށް ގެންދާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދީ ލޭނާރަކީ މަސްވެރިކަން ކަމަށާއި މަސްވެރިކަން ދިރުވާ އާލާކޮށް ފުލާކުރުމަކީ އެމަނިކުފާނުގެ ސިޔާސަތުތަކުގެ ތެރެއިން ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމެއް ކަމަށެވެ. އެކި ސަބަބުތަކާ ހެދި މި ސަރުކާރު ވެރިކަމަށް އައި އިރު މަސްވެރިކަމުގެ ސިނާއަތު ވަނީ ވަރަށް ބޮޑަށް ވަޅުޖެހިފައި ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން އޭރުގައި މަސްވެރިންގެ ހުރި އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމުގައިވާ މަސްވެރިންނާ ބާނާ މަހަށް ފައިސާ ދިނުން ލަސްވެގެން ދިއުމަށް ހައްލެއް ހޯދަވައި ދެވިފައިވާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެއީ މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސްވެރިންނަށް ވަނީ ބާނާ މަސް ކިރުވާތާ 48 ގަޑިއިރު ތެރޭ ފައިސާ ދޭން ފަށާފައި ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތަށް ގަވާއިދުން ފައިސާ ދެމުން މި އައި މުއްދަތުގައި 470 މިލިއަނެއްހާ ރުފިޔާ މަސްވެރިންނަށް ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން މަސްވެރިންނަށް ފައިސާ ނުދެވި ލަސްވަމުން ދިއުމުން އެތައް ދޯންޏަކުން މަސްވެރިން ފައިބާފައިވާ ކަމަށާއި އާމްދަނީ ހޯދުމަށް ކޮންމެވެސް އެހެން ވަޒީފާއަކަށް ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިހާރު މަސްވެރިންނަށް ގަވާއިދުން ފައިސާ ދޭން ފެށުމުން އެ ޒުވާނުން އަންބުރާ މަސްވެރިކަމުގެ ތެރެއަށް އައިސްފައިވާ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

އައިސް ހޯދުމާއި ތެޔޮ ހޯދުމަށް ވެސް މަސްވެރިންގެ ބޮޑެތި ކަންބޮޑުވުންތައް ހުރި ކަން ފާހަގަ ކުރައްވަމުން ރައިސް ވިދާޅުވީ އެކަންކަން ވެސް ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން މިއަހަރު ނިމޭ އިރު ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓުން މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ޕްރޮޖެކއޓަކީ އެސްޓީއޯއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށް ރައީސް ވިދާޅުވިއެވެ.