ހުޅުމާލޭގައި ގާއިމްކުރަން ހަމަޖެހިފައިވާ ބޮޑު ކަންނެލި ޕްރޮސެސް ކުރުމުގެ ފެކްޓްރީއަށް ބިން ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހުޅުމާލޭގައި ބޮޑު ކަންނެލީގެ މަސް ޕްރޮސެސް ކުރެވޭ ގޮތަށް ގާއިމް ކުރަން ހަމަޖެހިފައިވާ ފެކްޓްރީ އަޅާނެ ބިމެއް ހަމަޖެހިފައިވާ ކަމަށެވެ. އެ ބިމަކީ 25000 އަކަފޫޓުގެ ބިމެއް ކަމަށާއި އެ ފްކެޓްރީ އެޅުމަށް ބޭނުންވާ ފައިސާ ވެސް ވަނީ ހަމަޖެހިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ގިނަ މަޝްރޫއުތަކެއް ފަށައިގެން ކުރިއަށްގެންދާ ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ކަލުބިލަމަސް ރައްކާކުރެވޭ ކެޕޭސިޓީ 9000 ޓަނު މިހާރު ހުރި އިރު މިހާރު ފަށާފައި ހުރި މަޝްރޫއުތައް ނިމުމުން އެ ކެޕޭސިޓީ 25،000 ޓަނަށް އިތުރު ވާނެ ކަމަށެވެ.
އަދި މަސް ޕްރޮސެސިން ކެޕޭސިޓީ މިހާރު ހުރީ 115 ޓަނުގައި ކަމަށާއި އެ އަދަދު 365 ޓަނާ ހަަމައަށް އިތުރު ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މި މަޝްރޫއުތައް ހިންގުމަށް ފައިސާވެސް ވަނީ ހަމަޖެހިފައި ކަމަށާއި އެއްވެސް ދަތި ކަމަކާ ނުލައި މި މަޗްރޫއތައް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމުގެ ތެރޭގައި ހިމެނޭ އައިސް ލިބުމުގެ ދަތިކަން ހައްލު ކުރުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި އަހަރު ތެރޭ ކުރާ މަސައްކަތުން އައިސް އުފެއްދުމަށް 600 ޓަނު އިތުރު ކުރެވޭނެ ކަމަށެވެ. އެގޮތުން ބައެއް މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ތިނަދޫގައި ކޯލްޑް ސްޓޯރޭޖް މިއަހަރުތެރޭ ނިންމާނެ ކަމަށާއި އިންޑިއާގެ އެހީގައި ފެލިވަރުގައި ހިންގަމުންދާ 4000 ޓަނުގެ ކޯލްޑްސްޓޯރޭޖް މަޝްރޫއު މި އަހަރުގެ މެދުތެރޭ ނިންމާލެވޭނެ ކަމަށެވެ.
މީގެ އިތުރުން ކުރިއަށް ގެންދާނެ ބައެއް މަޝްރޫއުތަކުގެ ތެރޭގައި ގދ. ފިޔޯރީގައި 300 ޓަނު، ފ. ނިލަންދޫ 1500 ޓަނު، މ. މުލަކު 500 ޓަނު އަދި ކޫއްޑޫ 400 ޓަނުގެ މަޝްރޫއު އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން އިހަވަންދޫ 200 ޓަނުގެ ޕްރޮސެސިން ޕަލާންޓަކާއި ކޯލްޑް ސްޓޯރޭޖް ގާއިމް ކުރުމުގެ މަޝްރޫއު ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މި ހުރިހާ މަޝްރޫއުތަކެއް ވެސް ކުރިއަށް އޮތް 3 އަހަރުތެރޭ ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއާ އެކު މަސްވެރިންގެ ކަންބޮޑުވުންތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.