ދޯނިތަކުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމަށް ދޫކުރާ ފައިނޭންސް (ލޯނު) ހޯދުމަށް އިތުރު ލުއިތަކެއް ހަމަޖައްސާދީފިއެވެ.
ފިޝަރީޒް މިނިސްޓްރީއާއި، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ކުރިއަށްގެންދާ ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ގާއިމްކުރުމަށް ދަނީ ލޯނު ދޫ ކުރަމުންނެވެ. އަދި މި ލޯނުތައް ދޫ ކުރަމުން ދަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ އެހީގައެވެ.
އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ، އާރްއެސްޑަބްލިއު ފައިނޭންސިންގް ފެސިލިޓީއަށް އެދި ހުށަހެޅުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް މިހާރު ލުއިކޮށްދީފައިވާ ކަމަށެވެ. އެގޮތުން މިގޮތުން ކުރެޑިޓް ހިސްޓްރީ ބަލާމިންގަނޑު 1 އަހަރުގެ މުއްދަތަކުން 3 މަސް ދުވަހަށް ކުޑަ ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިފަދައިން ނިންމާފައި ވަނީ މަސްވެރިކަމުގެ ފުރިހަމަ ނަފާ މަސްވެރިންނަށް ލިބޭނެގޮތް އިތުރަށް މަގުފަހި ކުރުމުގެ މަގްސަދުގައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން މި މުއްދަތުގެ ތެރޭގައި ނަގާފައިވާ އެއްވެސް ލޯނެއް ނުދައްކާ ނުވަތަ އެއްވެސް އިތުރު މައްސަލައެއް އުޅޭނަމަ އެ ފަރާތެއް އެ ލޯނަށް ޝަރުތު ހަމަނުވާނެކަމަށް އޮތް ނަމަވެސް އަލަށް ދިން ލުޔާއެކު ކަނޑައެޅިފައިވާ މުއްދަތުގައި ގަވައިދުން ލޯނުތަކަށް ފައިސާ ދައްކަމުންދާނަމަ ލޮނުފެނުން މަސް ފިނިކުރާ ނިޒާމުގެ ފައިނޭންސިންއަށް ޝަރުތު ހަމާވާނެކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި މަޝްރޫއު ހުޅުވާލީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކީ، މަސްވެރިންގެ ބޭނުންތަކަށް ރިއާޔަތް ކުރެވި މަސްވެރިންނަށް ދަތިވެފައިވާ ކަންކަން ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީގެންނެވެ. އެގޮތުން މި ފެސިލިޓީގެ ދަށުން ނަގާ ތެކެތީގެ އަގުގެ 35 އިންސައްތަ ސަރުކާރުން ދައްކައިދޭގޮތަށް ނިންމާފައިވާ ނިންމުން ފާހަގަކޮށްލެވެއެވެ.
މި ފެސިލިޓީގެ ދަށުން ރަހުނަކާ ނުލައި އެއްލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް އާރްއެސްޑަބްލިއު ސިސްޓަމަކާ ޖަނޭޓަރަކާ އަދި ސޯލާ ޕެނަލް ގަތުމަށް ފައިސާ ލިބޭނެއެވެ. އަދި އެސްޑީއެފްސީގައި ރަޖިސްޓްރީކޮށްފައިވާ ވެންޑަރެއް މެދުވެރިކޮށް އޮޑިވެރިން އަމިއްލައަށް ތަކެތި ގަތުމުގެ އިހުތިޔާރު ވަނީ ފަހިކޮށްދީފައެވެ.