އައްޑޫގެ ތަަރައްގީގެ މަޝްރޫއުތަަކަށް ސަރުކާރުން އިހުމާލުވަމުންދާ ކަމަށް ބުނެ ސައިރެކްސް ކޮލެޖުގެ ޗެއާމަން އަދި އެމްއެންޕީގެ ނައިބު ރައީސް، އަހްމަދު ޝަރީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެ ޕާޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މި ސަރުކާރުން އައްޑޫއަށްވެފައިވާ ވައުދުތައް ނުފުއްދޭ ކަމަށާއި އެ ސިޓީގައި ފަށަން ބުނި އިގްތިސާދީ ހަރަކާތްތަކެއް އަދިވެސް ފެށިފައިނުވާ ކަމަށެވެ.
އެގޮތުން ޝަރީފް ވަނީ ފަތުރުވެރިކަން ފުޅާކުރަންމަށްޓަކައި އައްޑޫގައި 8000 އެނދު ތަަރައްގީކުރަންވި ވައުދު ނުފުއްދާ ކަމަށާއި އައްޑޫގެ މަގުތައް ހަދާ ނުނިމުމާއި އައްޑޫގެ ޕޯޓުގެ ތަރައްގީ ނުކުރެވޭ ކަމަށްވެސް ވިދާޅުވެފައެވެ.
ޝަރީފް ވަނީ ޝަންގްރިއްލާ ރިސޯޓު ނުހުޅުވި ލަސްވުމާއި ސަރުކާރުން ވައުދުވި ގޮތަށް ބައިނަލްއަގުވާމީ ފަސް މަންޒިލަކުން އައްޑޫއަށް ފްލައިޓްތައް ނުބާއްވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އައްޑޫގެ ދޫގަސް ގެސްޓު ހައުސްއަށް ފަތުރުވެރިން ނުގެނެވޭ ކަމަށާއި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ޑޮކްޓަރުން ނެތިގެން ހިދުމަތް ނުދޭތީވެސް ޝަރީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޝަރީފްގެ ވާހަކައިގާ ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބާރު ނުދޭތީ އެކަމާ ފާޑުވިދާޅުވެފައެވެ. ޝަރީފް ވަނީ އައްޑޫ ސިޓީގައި އިތުރު އޮފީހެއް ހަދައި ސްޓޭޓް މިނިސްޓަރެއް ލައި މޭޔަރުގެ ބާރު ކަނޑާލައިފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.
އައްޑޫ ބޮޑުފޮނި