މާލޭގެ ގެއަކަށް ވަދެ ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، މާލެ، ގަލޮޅުގައި ހުންނަ ގެއަކަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.
ނަމަވެސް އެ މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ. އަދި އެކަން ހިނގީ ކިހިނެއް ކަމާއި އެ ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް ނުވަތަ ނުވާކަމެއް ވެސް ފުލުހުން މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފޭރުމާއި ވައްކަމުގެ މައްސަލަތައް މިހާރަކަށް އައިސް އިތުރުވަމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި މިފަދަ ހާލަތްތަކުން ސަލާމަތް ވުމަށް ދުރާލާ ތައްޔާރުވެ އެފަދަ ކަމެއް ހިނގައިފި ނަމަ ވީ އެންމެ އަވަހަކަށް ފުލުހަށް އެންގުމަށް ކަމާ ގުޅުންހުރި އިދާރާތަކުން އިރުޝާދު ދެއެވެ.
