މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ކަސްޓަމަރުންގެ އެކި ބޭނުންތަކަށް 722 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
މިއީ މަހަކަށް ބަލާއިރު އެވްރެޖްކޮށް 80 މިލިއަން ޑޮލަރެވެ. އަދި މިއީ މިދިޔަ މުޅި އަހަރު ދޫކުރި 733 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެކެވެ.
ބީއެމްއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކަސްޓަމަރުންނަށް ދޫކުރި ބޭރު ފައިސާގެ ބޮޑުބައި ބޭނުންކޮށްފައިވަނީ ކާޑުތައް މެދުވެރިކޮށެވެ. އެގޮތުން ކާޑުތަކަށް 336 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، މީގެ 62 ޕަސެންޓް ނުވަތަ 208 މިލިއަން ޑޮލަރަކީ އޮންލައިންކޮށް ތަކެތި ގަތުމަށް (އީ-ކޮމާސް ވިޔަފާރިއަށް) ބޭނުންކޮށްފައިވާ ފައިސާއެވެ.
މީގެ އިތުރުން ޓީޓީ (TT) މެދުވެރިކޮށް 224 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 28 ޕަސެންޓްގެ ކުރިއެރުމެކެވެ. ދަތުރުފަތުރުގެ ބޭނުންތަކަށް ނަގުދު ފައިސާގެ ގޮތުގައި 86 މިލިއަން ޑޮލަރު އަދި ތައުލީމީ ބޭނުންތަކަށް 40 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. އަދި ސިއްހީ ބޭނުންތަކަށް 33 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރަށް ވުރެ ދެގުނަ އިތުރު އަދަދެކެވެ.
ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި ރާއްޖޭން ބޭރަށް ފޮނުވި ފައިސާގެ ޖުމްލަ އަދަދު 2.86 ބިލިއަން ޑޮލަރަށް އަރަ އެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ފޮނުވި 2.25 ބިލިއަން ޑޮލަރާ އަޅާބަލާއިރު 27 ޕަސެންޓްގެ އިތުރުވުމެކެވެ. މި އަދަދުތަކުގެ ތެރޭގައި ރެމިޓަންސް އާއި އިމްޕޯޓް ލެޓަ އޮފް ކްރެޑިޓް ހިމެނޭއިރު، މީގެ ތެރޭގައި ކަސްޓަމަރުންގެ އަމިއްލަ ޑޮލަރު އެކައުންޓުތަކުން ކުރި މުއާމަލާތްތައް ވެސް ހިމެނެ އެވެ.
ބޭންކުން ބުނި ގޮތުގައި، މި މުއްދަތުގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމަށް 373,600 މުއާމަލާތް ހިންގާފައިވެ އެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 19 ޕަސެންޓްގެ ކުރިއެރުމެކެވެ.
