ޕާސްޕޯޓް ދޫކުރުމަށް ކުރިމަތިވެފައިވާ ދަތިތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ހައްލުވެގެންދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ޖަރުމަނު ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަކަށް ދިމާވި މައްސަލައަކާ ގުޅިގެން ޕާސްޕޯޓް ޕްރިންޓްކުރުމަށް ބޭނުންވާ ބުކްލެޓްތައް ރާއްޖެ ގެނައުމުގައި ދިމާވި ލަސްތަކާ ގުޅިގެން ޕާސްޕޯޓު ދޫކުރުމުގައި ކޮންޓްރޯލްތަކެއް ގެންގުޅެންފެށީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ.

އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، ޕާސްޕޯޓުގެ ބުކްލެޓް ފޯރުކޮށްދޭ ކުންފުންޏަށް ދިމާވި މައްސަލަ ހައްލުވެ، މި ހަފުތާ ބަންދުގައި ޕާސްޕޯޓުގެ ސްޓޮކް ލިބޭނެ ކަމަށެވެ. އެއާއެކު އާދިއްތަ ދުވަހުން ފެށިގެން ކުރިއެކޭވެސް އެއްގޮތަށް ޕާސްޕޯޓްގެ ހިދުމަތް ލިބިގެންދާނެ ކަމުގެ ޔަގީންކަން އިހުސާން ދެއްވިއެވެ.

ޕާސްޕޯޓު ދޫކުރުމުގައި ދިމާވި މައްސަލައިގެ ސަބަބުން ބެކްލޮގުގައި 2،646 ޕާސްޕޯޓް ހުރިއިރު އާ ސްޓޮކް ލިބުމާއެކު މި ބެކްލޮގް 5 ވަރަކަށް ދުވަހުގެ ތެރޭގައި ކްލިއަކުރެވޭނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ. އިހުސާން ފާހަގަ ކުރެއްވި ގޮތުގައި ދުވާލެއްގެ މައްޗަށް ޕާސްޕޯޓު ހެއްދުމަށް އެވަރެޖްކޮށް 350 ރިކުއެސްޓް އާދެއެވެ.

އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ. އެ މަސައްކަތުގެ ތެރެއިން މިހާރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ އިންތިޒާމް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން 39 ރަށެއްގައި ޕާސްޕޯޓް ކަލެކްޝަން އޮފީސް ވަނީ ގާއިމް ކޮށްފައެވެ.

އަދި ސަރުކާރުން އަމާޒު ހިފާފައި ވަނީ ރައްޔިތުންގެ އަސާސީ މުހުތާދުތައް ރަށުގައި ތިބެގެން ފުއްދޭނެ އިންތިޒާމު ހަމަޖައްސާ، ބޮޑު ހަރަދުކޮށް މާލެ ގޮސް ކޮންމެ ކަމެއް ކުރަން ރައްޔިތުން އުފުލާ ބުރަ ނިމުމަކަށް ގެނައުމަށްކަން ފާހަގަކޮށްލެވެއެވެ.