މަސްތުވާތަކެތީގެ މައްސަލައިގައި ވިލިމާލެއިން ހައްޔަރުކުރި 4 މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް އިއްޔެ ވިލިމާލޭގައި ކުރިއަށް ގެންދިޔަ ހާއްސަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ހަތަރު ފިރިހެނުންނެވެ.
އޭގެ ތެރޭގައި ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ތިން މީހަކު ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ތިން ތަރިންނަކީ އަހުމަދު އަޒްމީލް (އަޒޭ)، އިސްމާއިލް ޖުމައިހު (ޖުމާ)ގެ އިތުރުން މުހައްމަދު ވިޝާލް (ރޯމަން) އެވެ.
މި ތިން މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތެވެ. އަދި އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާއިރު އެ ތިން މީހުންގެ ކުޑަކަމުދާ ތަކެތި 'އެމްއޭޕީ' އާއި (ސީއޭޓީ' އަށް ފޮޒިޓިވްވެފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
ފުލުހުން ބުނި ގޮތުގައި އެ ތިން މީހުން ތިބި ކޮޓަރި ފުލުހުން ބާރުގެ ބޭނުން ކޮށްގެން ހުޅުވިއިރު، ކޮޓަރީގައި ހުރި މޭޒެއްގެ މަތީގައި މަސްތުވާތަކެތި ހާމައަށް ހުއްޓެވެ. އަދި އެ ކޮޓަރީގައި ތިން މީހުން ތިބިކަން ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.
ދެން މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޝާހިލް މުހައްމަދު ކިޔާ މީހެކެވެ. އޭނާއަކީ މީގެ ކުރިން ވެސް ބަންދުގެ ރިކޯޑު އޮންނަ ފަރާތެއް ކަމަށް ކޯޓު އަމުރުގައި ވެއެވެ. ހަމަ އެހެންމެ އަޒްމީލާއި ވިޝާލަކީވެސް ބަންދު ރެކޯޑު އޮތް ދެ މީހުންކަމަށް ވެއެވެ.
އެ ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި ޓްރެފިކިން މިންގަނޑަށް އަރާވަރަށް މަސްތުވާތަކެތި ހުރިކަމަށް ފުލުހުން ކޯޓުގައި ބުނެފައި ވެއެވެ.
