ފެހި އަދި ދެމެހެއްޓެނިވި މުޖުތަމައުތަކެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ކ. ދިއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާ ގުޅިގެން 'ގްރޯ ވިތު އުރީދޫ' އިސްނެގުމުގެ ދަށުން ކ. ދިއްފުށީގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތުގައި ދިއްފުށީގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި މުޖުތަމައުގެ މެންބަރުން ބައިވެރިވެ، ރަށުގެ އެކި ސަރަހައްދުތަކުގައި ގަސް އިންދާފައިވާކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

މިއީ ރަށުގެ ފެހި ސަރަހައްދުތައް އިތުރުކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫ އިން ބުނީ މި ހަރަކާތަށް ބޭނުންވާ ގަސްތައް ހަދިޔާކޮށްފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންކަމަށާއި، މިއީ ފެހި މާހައުލެއް ކުރިއެރުވުމަށާއި ދިގު މުއްދަތަކަށް ތިމާވެށި ދެމެހެއްޓުމަށް ގުޅިގެން ކުރެވޭ މަސައްކަތަށް ލިބުނު ވަރަށް ބޮޑު އެއްބާރުލުމެއް ކަމަށެވެ.

ގްރޯ ވިތު އުރީދޫ މެދުވެރިކޮށް، އުރީދޫ މޯލްޑިވްސް އިން ދަނީ ތިމާވެއްޓާމެދު ޒިންމާދާރުވުމަށް ބާރުއެޅުމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް ހެޔޮ ބަދަލެއް ގެނައުމަށް ޓަކައި ލޯކަލް ކައުންސިލްތަކާއި، މުޖުތަމަޢުގެ ޖަމިއްޔާތަކާއި އަދި ބައިވެރިންނާއެކު މަސައްކަތްކުރަމުންނެވެ.

ދިއްފުށީގައި ކުރިއަށްގެންދިޔަ މި ހަރަކާތުން، ތިމާވެއްޓާ ގުޅޭ މުހިންމު ފިޔަވަޅުތައް އެޅުމުގައި މުޖުތަމަޢުގެ ބައިވެރިވުމުގެ މުހިންމު ދައުރުވެސް ފާހަގަކޮށްދޭކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.