ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެންބަރުން އައްޔަން ކުރާއިރު، ސިޔާސީ މީހުން ނުހިމެނުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން އިދިކޮޅުން ހުށަހަޅާފައިވާ ބިލަށް އެމްއެންޕީގެ ތާއީދު އޮތްކަން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހާމަ ކުރައްވައިފިއެވެ.
އެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބެވުމުން އެ ކޮމިޝަނަށާއި ޖުޑިޝަރީ ތެރެއަށް ސިޔާސީ ނުފޫޒު ވަންނަ ކަން އެ ކޮމިޝަނާއި ގުޅޭ ގޮތުން އެކުލަވާލި އިލްމީ ދިރާސާއަކުން ފެންނަން އެބަ އޮތް ކަމަށާއި އެހެންކަމުން ޖޭއެސްސީގެ އެކުލެވުމަކީ ބަދަލު ކުރަން ޖެހޭ ކަމެއް ކަމަށެވެ.
މި އިސްލާހު މަޖިލީހަށް ތަކުރާރުކޮށް މަހިބަނދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވަނީ ހުށައަޅާފައެވެ. އެގޮތުން މިދިޔަ 2020 އަދި 2021 ވަނަ އަހަރުވެސް ތޯރިގު ވަނީ ހުށައަޅާފައެވެ.
ތޯރިގު ހުށައެޅުއްވި އިސްލާހުގައި ޖޭއެސްސީ އެކުލެވިގެންވާ ގޮތަކީ:
- އުއްތަމަފަނޑިޔާރު.
- ހައި ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއް.
- ދަށު ކޯޓްތަކުން އިންތިހާބުކުރާ ފަނޑިޔާރެއް.
- ވަކީލުން އިންތިހާބުކުރާ ވަކީލެއް.
- ޔުނިވާސިޓީތަކުގައި ޝަރީއާ ކިޔަވައިދެއްވާ ލެކްޗަރާއިންްގެ ތެރެއިން އިންތިހާބުކުރާ ލެކްޗަރާ އެއް.
- ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައި، މަޖިލީހުން ރުހުންދޭ ތަޖުރިބާކާރެއް.
ނާޒިމް ވަނީ ޓޮމްގެ ބިލުގައި ހިމެނޭ އެކުލެވުމުގައި ހިމެނޭ ފަރާތްތަކާއި ގުޅޭ ގޮތުން ވެސް ވާހަކަދައްކަވާފައެވެ. މި ގޮތުން ރިޓަޔަޑް ފަނޑިޔާރަކާއި ވަކީލުން އިންތިހާބު ކުރާ ވަކީލަކު ހިމެނުމަށް އޮތް ހުށަހެޅުމަށް ނާޒިމް ވަނީ ވަރަށް ބޮޑަށް ތާއީދުކުރައްވާފައެވެ.
ޔުނިވާސިޓީތަކުގައި ޝަރީއާ ކިޔަވައިދެއްވާ ލެކްޗަރާއިންްގެ ތެރެއިން އިންތިހާބުކުރާ ލެކްޗަރާއަކާއި ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައި، މަޖިލީހުން ރުހުންދޭ ތަޖުރިބާކާރެއް ހިމެނުމާއި އެއިން ބަޔަކު އުނި ކުރަން ޖެހުމާއި މެދު އިތުރަށް ވިސްނާލަން ޖެހޭ ކަމަށް ވެސް ނާޒިމުގެ ވާހަކައިގާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ނާޒިމު ވަނީ އިލްމީ އަދި ދިރާސާ ކުރާ އެކަޑަމިކް ދާއިރާތަކުގެ ބޭފުޅުން ހިމެނުމަކީ އެމްއެންޕީން ތާއީދު ކުރާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.
މި ބިލަކީ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ އިތުރަށް ކޮމިޓީއަކަށް ގެންގޮސް ދިރާސާ ކުރަން ޖެހޭ ބިލެއް ކަމާއި، ބިލު ތަޅުމަށް ބަލައިގަންނަން މަޖިލީހުގެ މެންބަރުން ތާއީދު ކުރައްވަން އެމްއެންޕީގެ ފަރާތުން ނާޒިމު ވަނީ ގޮވާލައްވާފައެވެ.
މި ބިލާ ގުޅިގެން ހިޔާލު ތަފާތުކުރުން ތަކެއް އުޅޭއިރު ޖޭއެސްސީއަށް ވަކިވަރަކަށް ސިޔާސީ ބާރުވެރިކަން ފޯރުވުމަށް މަޖިލީހުގެ މެންބަރަކު އިނުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.