މިހާތަނަށް ހިލޭ ޑިގްރީއަށް 13،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ފޯރުކޮށްދީފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ހަޔާ އެޑިއުކޭޝަނުން ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ހިލޭ ޑިގްރީއަށް ފުރުސަތު 13،284 ދަރިވަރުން ދީފައިވާ ކަމަށެވެ.

މީގެ އިތުރުން 2127 ދަރިވަރުން މި ސްކީމުގެ ދަށުން ޑިގްރީ ނިންމާފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ފެބްރުއަރީ 14، 2019 ވަނަ ދުވަހު ތަންފީޒު ކުރަންފެށި ހިލޭ ޑިގްރީއަށް ކިޔަވައި ދިނުމުގެ އުސޫލުގެ ދަށުން 349 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހިލޭ ޑީގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބުނު ދަރިވަރުންގެ ތެރޭގައި:

  • 2019 ވަނަ އަހަރު: 4,804 ދަރިވަރުން.
  • 2020 ވަނަ އަހަރު: 4،818 ދަރިވަރުން.
  • 2021 ވަނަ އަހަރު: 3،301 ދަރިވަރުން.
  • 2022 ވަނަ އަހަރު: 361 ދަރިވަރުން.

ހިލޭ ޑިގްރީއަށް ކިޔަވައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދު ފުޅެކެވެ.

ފުރަތަމަ ޑިގްރީއަށް ސަރުކާރުގެ ހަރަދުގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލި ފަހުން މި ސްކީމް ތަންފީޒު ކުރުން އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ތަފާތު އެކި މަސައްކަތްތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޮށްފައެވެ.

އެގޮތުން މި ސްކީމަށް ގެނެސްފައިވާ އެންމެ ބޮޑެތި ހެޔޮ ބަދަލުތަކަކީ ކިޔަވައިދޭ ތަނަށް ފައިސާ ދިނުމުގެ ބަދަލުގައި، ސީދާ ދަރިވަރުންނަށް ފައިސާ ލިބޭ ގޮތް ހަމަޖައްސައި ދިނުމެވެ. އަދި އޮންލައިން ޕޯޓަލެއް ކަމަށްވާ މައި އެޑިޔު ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލުމެވެ.

ނަތީޖާއަކަށް ވެގެން ދިޔައީ އަތޮޅު ތެރޭގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުން ދިޔަ އެތައް ދަރިވަރުންނަކަށް ފަސޭހަ ކަމާއެކު މި ސްކީމުގައި ބައިވެރި ވެވޭނެ މަގު ފަހިވެގެން ދިޔުމެވެ. އަދި ކިޔަވާތަނަށް ދައްކަންޖެހޭ ފައިސާ ދެއްކެމުންދާކަމުގެ ޔަގީންކަން ދަރިވަރުންނަށް ލިބެމުން ދިޔުމެވެ.

ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވާސިޓީތަކުގައި ކިޔެވުމަށް އަހަރުގެ އެކި ދުވަސްވަރުގައި ކުދިން އެންރޯލް ކުރެއެވެ. އެހެންކަމުން ޑިގްރީ ޕްރޮގްރާމު ތަކުގައި އަލަށް އެންރޯލްވާ ދަރިވަރުން މި ސްކީމްގައި ބައިވެރި ކުރުމުގެ މަސައްކަތް އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ކުރިއަށް ދެއެވެ.