ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް"ގެ މައްސަލައަށް ބަހުސް ކުރަން 241 ކޮމިޓީން ބައްދަލު ކުރަން ނިންމައިފިއެވެ.

"އިންޑިއާ އައުޓް"ގެ ނަމުގައި ހިންގާ ހަރަކާތްތަކާ ގުޅިގެން މި މައްސަލަ ދިރާސާ ކުރުމަށް ހަމަޖެހިފައި ވަނީ މިއަދު 11:00 ޖަހާއިރުއެވެ.

"އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވަން މަޖިލީހުގެ 241 ކޮމިޓީ އަށް މައްސަލައެއް ހުށަހަޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ. މި މައްސަލަ ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވީ އެ ކެމްޕެއިނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން އެފަދަ އަމަލުތަކަކީ ތަހުޒީބު އެއްވެސް މުޖުތަމައެއްގައި ބަލައިގަންނަ އަމަލުތަކެއް ނޫން ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ އޭގެ ސަބަބުން ރާއްޖޭގެ މަސްލަހަތާއި ހިލާފު އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ސަރުކާރާއި އިންޑިއާގެ ސަރުކާރާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުމަށް ހީނަރުކަން އައުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"އިންޑިއާ އައުޓް" ޝިއާރުގައި އިދިކޮޅު ކޯލިޝަނުން އަންނަނީ މާލެއާއި އަތޮޅުތެރޭގައި ފުޅާކޮށް ހަރަކާތްތައް ހިންގަމުންނެވެ. އެ ހަރަކާތްތަކުގައި މިނިވަންވެ ވަޑައިގަތް ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.