ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ފާހަގަކުރުމަށް ރާއްޖޭގެ މަޝްހޫރު ޓެކްނިކަލް ޑައިވަރު ޔުނިކްސް ސްޕޯޓިން އާއި ޝަފްރާޒް ނައީމް ގުޅިގެން ކުރިއަށް ގެންދާ "އޯޝަން 6|50" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
ކ.އަތޮޅު އަނަންތަރާ ދިގު ރިސޯޓުގެ ބޭރުން އޮންނަ ކުޑަގިރީގައި މި މަހު 25-27 އަށް ބާއްވާ އޯޝަން 50/6 އިވެންޓުގައި ތަޖުރިބާކާރު ޑައިވަރު ޝަފްރާޒް ނައީމް މޫދު އަޑީގައި 50 ގަޑިއިރު ހޭދަ ކުރަން މަސައްކަތް ކުރާނެއެވެ. އަދި މި މުއްދަތުގައި ހަރަކާތުގައި ބައިވެރިވާ ޑައިވަރުން ޝަފްރާޒާ ބައްދަލުކޮށް، ތިމާވެށި ރައްކާތެރި ކުރުމާ ބެހޭ ވައުދެއްގައި ސޮއި ކުރާނެއެވެ.
ދިރާގުގެ ބުނީ މި ޑައިވްގެ މައިގަނޑު މަގްސަދަކީ ހުރިހާ އެންމެން ގުޅިގެން ކްލައިމޭޓް ޗޭންޖާއި ޕްލާސްޓިކް ކުނި ފަދަ ތަކެރި މޫދަށް އެޅުމާއި ނެތިދިއުމުގެ ބިރު ހީވެފައިވާ ޖަނަވާރުތަކާއި އަދި އެނޫންވެސް ތިމާވެއްޓާ ގުޅޭ ކަންކަމާއި ގުޅޭ ގޮތުން ހޭލުންތެރި ކުރުވުމެވެ.
މިގޮތުން މި ހަރަކާތުގެ ސަބަބުން ޕްލާސްޓިކް ކުނިން ކަނޑު ތަޣައްޔަރުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަނޑުގެ ދިރުންތައް އަދި މުޅި ކަނޑުފަޅުގެ ދިރުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާއި މިކަންކަމަށް މާނަވީ އަދި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ރާއްޖޭގެ އަދި ބައިނަލްއަގްވާމީ ޑައިވިން ކޮމިއުނިޓީ އާއި މެރިން ރިސާޗަރުންނާއި ތިމާވެށީގެ އެކްޓިވިސްޓުން އެއްތަނަކުން ބައްދަލުވެ ވަކާލާތުކުރުމަށް މަގު ތަނަވަސް ވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މިއީ މިފަދަ ހަރަކާތެއް ދެކުނު އޭޝިއާ ސަރަހައްދުގައި ބޭއްވޭ ފުރަތަމަ ފަހަރެވެ.
ދިރާގުން ބުނީ "ކެއާ ފޯ ދި އޯޝަން" އަކީ ދިރާގުގެ ސީއެސްއާރުގެ ދަށުން ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމެއް ކަމަށާއި އެގޮތުން އެ ކުންފުނީގައި ސިންގަލް ޔޫސް ޕްލާސްޓިކް ވެސް މަނާކޮށްފައިވާ ކަމަށެވެ. އަދި މިފަދަ ތިމާވެއްޓާ ގުޅޭ ކަންކަމުގައި ދިރާގުން ހާއްސަ އިސްކަމެއްދޭކަން އެ ކުންނިން ވަނީ ފާހަގަ ކޮށްފައެވެ.