ސިއްހަތު ރަނގަޅު ކުޑަކުދިންނާއި ޅަ ފުރައިގެ ޒުވާނުންނަށް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބޫސްޓާ ޑޯޒް ބޭނުން ވާ ކަމުގެ ހެއްކެއް އަދި ލިބިފައި ނުވާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިސް ސައެންސްވެރިޔާ ޑރ ސޯމްޔާ ސުވާމިނޭތަން ވިދާޅުވެއްޖެއެވެ.

ޑރ ސޯމްޔާ މިފަދަ މޭރުމަކުން ވާހަކަދައްވާފައި ވަނީ، ތަރައްގީ ވެފައި ވާ ބައެއް ގައުމުތަކާ ޔަހޫދީ އިޒްރޭލުން، ކުޑަކުދިންނަށްވެސް ކޮވިޑްގެ ބޫސްޓާ ޑޯޒް ޖަހައިދޭން ފަށާފައި ވާ ދަނޑިވަޅެއްގައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ ސޯމްޔާ އިތުރަށް ވިދާޅުވީ، އިންތިހާ ހަލުވިކަމާއެކު ފެތުރެމުންދާ އޮމިކްރޯން ވޭރިއަންޓުގެ ރާޅު، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބިންދާލާފައި ވާ އިރު، މި ފަދަ ކޮންމެ ވޭރިއަންޓާއެކު އާ ވެކްސިނެއް ޖަހަން ލާޒިމު ނުވާ ކަމަށެވެ.

އެމެރިކާއިން ވަނީ އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް، ބޫސްޓާ ޑޯޒްގެ ގޮތުގައި، ފައިޒާ/ބައޮއެންޓެކްގެ ކޮވިޑް ވެކްސިން ޖަހައިދިނުމަށް ރުހުން ދީފައެވެ. މިއާއެކު، ކުޑަކުދިންނަށް ބޫސްޓާ ޑޯޒް ޖަހާ ދިނުމުގެ ރޭހުގެ އެންމެ ކުރިން، އެމެރިކާ ވަނީ ޖާގަ ހޯދާފައެވެ.

ޑރ ސޯމްޔާގެ ވާހަކަ މިފަދަ ރޫހެއްގައި ހުރި ނަމަވެސް، ބޫސްޓާ ޑޯޒްއަކީ "ބޭކާރު" ޑޯޒްއެއް ކަމަކަށް ޑަބްލިއުއެޗްއޯއިން ރަސްމީ ސިފައެއްގައި އަދި ބުނެފައެއް ނުވެއެވެ. ޑރ ސޯމްޔާ ވަނީ، ގައުމުތަކުން ބޫސްޓާ ޑޯޒް ފޯރުކޮށްދޭންވީ ގޮތާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް،ކަމުގެ އިލްމީ މާހިރުންގެ ބައްދަލުވުމެއް ވަރަށް އަވަހަށް ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވެފައެވެ.

އާބާދީގެ ނިސްބަތުން ބޫސްޓާ ޑޯޒް ރޭހުގެ އެންމެ ކުރީގައި އޮތީ ޖިބްރާލްޓާއާއި ބަހްރައިންއެވެ. ވަކިވަކި ސަރަހައްދުތަކަށް ބަލާއިރު، ދެކުނު އޭޝިއާ ސަރަހައްދުން މި ލިސްޓުގެ އެންމެ ކުރީގައި އޮތީ ސްރީލަންކާއާއި ދިވެހިރާއްޖެކަމަށް ބްލޫމްބާގްގެ ރެކޯޑްތަކުން ދައްކައެވެ.