އަނެއްކާވެސް ކޮވިޑް 19 ފެތުރުން އިތުރުވެފައިވާތީ ބަލިން ދިފާއުވުމަށް ވެކްސިން ޖަހުމާއި ފްލޫ ކްލިނިކުންދޭ ފަރުވާގެ ހިދުމަތްތައް ފަށައިފިއެވެ.

މާލެ ސަރަހައްދުގައި މިހާރު 2 ޕްލޫ ކްލިނިކަކުން އަދި 3 ވެކްސިން ސެންޓަރުން ހިދުމަތްދެމުން އަންނަ އޭގެ ތެރޭގައި އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުންގެ ފްލޫ ކްލިނިކުން ކޮންމެ ދުވަހަކުވެސް ފަރުވާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާލެ ސަރަހައްދުގެ ވެކްސިން ޖަހައިދޭ ސެންޓަރުތަކަކީ ދަރުމަވަންތަ ހޮސްޕިޓަލް، ދަމަނަވެށި އަަަދި ހުޅުމާލެ ހޮސްޕިޓަލުންނެވެ.

ފްލޫ ކްލިނިކްތަކާއި ވެކްސިން ޖަހައިދޭ ސެންޓަރުތައް ހުޅުވާފައި ހުންނަ ވަގުތުތައް:

ފްލޫ ކްލިނިކްތައް:

  • ހުޅުމާލެ ހޮސްޕިޓަލް- ކޮންމެ ދުވަހަކު ހެނދުނު 8 އިން ރޭގަނޑު 10 އަށް
  • އައިޖީއެމްއެޗް- ކޮންމެ ދުވަހަކު ހެނދުނު 8 އިން ރޭގަނޑު 11 އަށް

ވެކްސިން ސެންޓަރުތައް:

  • ދަރުމަވަންތަ ހޮސްޕިޓަލް: އާދިއްތަ، އަންގާރަ އަދި ބުދަ - ހެނދުނު 10 އިން މެންދުރު 12 އަށް
  • ދަމަނަވެށި: ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ - މެންދުރުފަހު 1 އިން 3 އަށް
  • ހުޅުމާލެ ހޮސްޕިޓަލް: އާދިއްތަ، އަންގާރަ އަދި ބުރާސްފަތި - މެންދުރުފަހު 1 އިން 3 އަށް

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހު 19 އިން 25 އަށް 1202 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ކޮވިޑް ފެތުރެމުން އަންނާތީ މިހާރު ވަނީ ކޮވިޑުން ރައްކާތެރިވުމަށް ކޮވިޑްގެ ހަތަރުވަނަ ޑޯޒް ޖަހަން އަންގާފައެވެ. އެގޮތުން ހަތަރުވަނަ ޑޯޒް ޖަހަން މިވަގުތު އަންގާފައި ވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނާއި، ބަލި ޖެހިގެން ނުރައްކާ ވާނެ ފަދަ ބަލިތައް ތަހައްމަލު ކުރާ ހައި ރިސްކް ކެޓަގަރީގެ މީހުންނަށެވެ. ހަމައެއާއެކު އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންނަށް ވެސް ކޮވިޑް ވެކްސިންގެ 3 ވަނަ ޑޯޒް ޖަހަން ވެސް ވަނީ ފަށާފައެވެ.