ކޮވިޑް ވެކްސިންތަކުގެ ސަބަބުން މަރުވި ކަމަށް ތުހުމަތުކުރާ މައްސަލަތައް ތަހުގީގު ކުރަން ގޮވާލައިފިއެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) މިއަދު މިފަދައިން ވިދާޅުވެފައި ވަނީ ސަރުކާރުގެ ފަރާތުން ސިއްހީ ހިދުމަތުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން ގެންދަވަމުންނެވެ. އެގޮތުން އިބްރާހިމް ވިދާޅުވީ، ކޮވިޑް ފެތުރުނު ދުވަސްވަރު ވެކްސިން ޖަހައިގެން މަރުވި އާއިލާތަކާއި އެ މީހުންނަށް ހައްގު ހޯދައި ދޭން ޖެހޭނެ ކަމަށެވެ.

ވަރަށް ގިނަ އާއިލާތަކެއް އަދިވެސް ގިލަންވެރިކަމުގައި އެ ތިބީ ކޮވިޑުގެ މަރުތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގު ނުކުރެވި އޮތީމާ،
އިބްރާހީމް މުހައްމަދު

އިބްރާހީމް ވިދާޅުވީ ވެންޓިލޭޓަރުން ވައްކަން ކުރުމާއި ސިއްހީ ދާއިރާ އިން ވައްކަން ކުރި ފަރާތްތަކުގެ މައްސަލަތައް ބަލަން ޖެހޭނެ ކަމަށާއި، ކޮވިޑް މަރުތަކާ ގުޅިގެން ވަކި ކޮމިޓީއެއް އުފައްދައިގެން ވެސް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމުގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށާއި ކޮވިޑް ޖެހި ބޮޑުވަރުވިޔަ ނުދޭން ޖަހަމުން ގެންދިޔަ ކޮވިޝީލްޑުން ލޭ ގަނޑުވުމާއި ލޭގައި ހުންނަންޖެހޭ ޕެލެޓްލެޓް ގެ މިންވަރު ދަށްވާ ކަމަށް މައި ކުންފުނިންވެސް ވަނީ އެއްބަސްވެފައެވެ.

ކޮވިޑް ވެކްސިނަށް ފަހު ގޮތް ނޭނގޭ މަރުތައް ދުނިޔޭގެ އެތަން މިތާނގައި ގިނަ ވަމުން އަންނަކަމަށް ރިޕޯޓު ކުރަމުން ދަނިކޮށް, އެ ވެކްސިނާ ގުޅިގެން ލޭ ގަނޑުވުމުގެ ހާދިސާތަކެއް ދިމާވި 50 މީހަކު މިހާރު ވަނީ ބަދަލު ހޯދަން އިނގިރޭސިވިލާތުގެ ކޯޓަށް ގޮސްފައެވެ.

ރާއްޖޭގެ ބޮޑު އާބާދީއަކަށް ޖަހާފައި ވަނީ އިންޑިއާގެ ކޮވިޝީލްޑާއި ޗައިނާގެ ސިނޯވެކް އާއި ޕީފައިޒާ އާއި ދެން އެސްޓްރާޒެނިކާ ވެކްސިނެވެ.