އެމެރިކާއިން ރާއްޖެއަށް 99000 އަށްވުރެ ގިނަ ކޮވިޑް-19ގެ ވެކްސިން ހަދިޔާ ކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ، އެމެރިކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 99450 ވެކްސިން ކަމަށެވެ. ހަދިޔާ ކޮށްފައި ވަނީ ކޮވިޑް-19 އެމްއާރްއެންއޭ ޑޯޒް ކަމަށް މިނިސްޓްރީން ބުނެއެވެ.

އެމްއާރްއެންއޭ ވެކްސިނަކީ ކޮވިޑުން ދިފާއުވުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ވެކްސިނެކެވެ. މީގެ ތެރޭގައި ފައިޒާ އާއި މޮޑާނާގެ ވެކްސިން ވެސް ހިމެނެއެވެ.

މި ވެކްސިން ޝިޕްމަންޓް ހަދިޔާކޮށްފައިވަނީ ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން މުޅި ދުނިޔެއަށް ފޯރުކޮށްދިނުމަށް އދ. އިން ގާއިމްކޮށްފައިވާ 'ކޮވެކްސް' ފެސިލިޓީ މެދުވެރިކޮށެވެ.

ކޮވިޑް ފެތުރެމުން އަންނާތީ މިހާރު ވަނީ ކޮވިޑުން ރައްކާތެރިވުމަށް ކޮވިޑްގެ ހަތަރުވަނަ ޑޯޒް ޖަހަން އަންގާފައެވެ. އެގޮތުން ހަތަރުވަނަ ޑޯޒް ޖަހަން މިވަގުތު އަންގާފައި ވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނާއި، ބަލި ޖެހިގެން ނުރައްކާ ވާނެ ފަދަ ބަލިތައް ތަހައްމަލު ކުރާ ހައި ރިސްކް ކެޓަގަރީގެ މީހުންނަށެވެ. ހަމައެއާއެކު އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންނަށް ވެސް ކޮވިޑް ވެކްސިންގެ 3 ވަނަ ޑޯޒް ޖަހަން ވެސް ވަނީ ފަށާފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 399،025 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވާއިރު، 384،787 މީހުން ދެވަނަ ޑޯޒް ޖަހައި، ވެކްސިން ފުރިހަމަ ކޮށްފައެވެ. މީގެ އިތުރުން 166،064 މީހުން ބޫސްޓާ ޑޯޒް ފުރިހަމަކޮށްފައިވާއިރު ބޫސްޓާގެ ދެވަނަ ޑޯޒް 973 މީހަކު ފުރިހަމަ ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.