ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރި، ހާލަތުގެ ގޯސްވާތީ އައިޖީއެމްއެޗްގެ ބައެއް ސާޖަރީތައް މެދުކަނޑާލަން ނިންމައިފިއެވެ.

އައިޖީއެމްއެޗުން ކުރި އިއުލާނެއްގައި ބުނީ، ރާއްޖޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އެހޮސްޕިޓަލުގެ ބައެއް ހިދުމަތްތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތުން މިވަގުތުގެ ހާލަތަށް ރިއާޔަތްކޮށް ހޮސްޕިޓަލުގެ ބައެއް ހިދުމަތްތައް ޑައުންގްރޭޑް ކުރާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށް އޮތް 2 ހަފްތާއަށް ރޫޓީން (ދުރާލާ ތާވަލުކޮށްގެންހަދާ) ސާޖަރީތައް މެދުކަނޑާލާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އައިޖިއެމްއެޗުން ބުނީ، ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް މި ސާޖަރީތައް ހަދަން ފެށޭނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ނަމަވެސް ހޮސްޕިޓަލުގެ އިމަޖެންސީ (އީއާރް) ހިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އައިޖީއެމްއެޗުން ވަނީ ގެނައި ބަދަލުތަކުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވަމުން ދާއިރު އިއްޔެ ވަނީ މިބައްޔަށް 2134 މީހުން ޕޮޒިޓިވް ވެފައެވެ. އެއީ މާލެ ސަރަހައްދުން 1219 މީހަކާއި، އަތޮޅުތެރެއިން 547 މީހަކާއި ރިސޯޓްތަކުން 89 މީހަކާއި ލިވަބޯޑުން 4 މީހެކެވެ.

މިވަގުތު މާލެ ސަރަހައްދުން ކޭސްތައް ގިނަ ވަމުން އަންނާތީ، މާސްކް އެޅުން މަޖުބޫރުކޮށް މާސްކް ނާޅާ ނަމަ ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ. ހަމައެއާއެކު މާލެ ސަރަހައްދުގައި މީހުން އެއްވާ ގޮތަށް އިވެންޓްތަކާއި ހަލްފާތައް ބޭއްވުމުގައި ވެސް ވަނީ ފިޔަވަޅުތައް އަޅާ ހަރުކަށިކޮށްފައެވެ. އެ ގޮތުން 50 މީހުންނަށް ވުރެ ގިނަ މީހުން އެއްނުވުމަށާއި 50 މީހުންނަށް ވުރެ މަދުން އެއްވާ ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އަންގާފައެވެ.