ގްރޭޓާ މާލެ ސަރަހައްދުން މިއަދު ކަރަންޓު ކެނޑިފައިވާއިރު މާލޭ ސަރަހައްދުގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ އިތުރުން ބައެއް ސަރަހައްދުތަކަށް ކަރަންޓު ދީފައިވާކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ރައީސް އޮފީހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ މަލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ތެރޭގައި ހިމެނޭ ހަތަރު ހޮސްޕިޓަލަށް ކަރަންޓް ދީފައިވާކަަމަށެވެ.
މޯލްޑިވްސް ބްލަޑް ސާވިސަވް (އެމްބީއެސް)ގެ ތެރެއިން ވިލިމާލެ ހޮސްޕިޓަލް ފިޔަވައި ހުރިހާ ހޮސްޕިޓަލަކުން ކަރަންޓު ކެނޑުނުކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ ބެކްއަޕް ޕަވާއިން ހުރިހާ ކްރިޓިކަލް އޭރިއާތަކަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ބަލި މީހުންނަށް ދެމުން އަންނަ ހިދުމަތަށް އެއްވެސް ބުރުލެއް ނާރާކަމަށް އެ މެސެޖުގައި ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުން ކަރަންޓު ކެނޑިފައި ވާއިރު، ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑިފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. މި ހާދިސާއާއި ގުޅިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާ ކަމަށެވެ.