އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި 8 މަހުގެ ތުއްތު ކުއްޖާއަށް ޑޮކްޓަރުން ފަރުވާދީ އެ ކުއްޖާގެ ހާލަތު ގާތުން ބަލަމުން ގެންގޮސްފައިވާ ކަމަށް، އައިޖީއެމްއެޗުން ބުނެފިއެވެ.
8 މަހުގެ ތުއްތު ކުއްޖަކު ނިޔާވި ހާދިސާއާ ގުޅިގެން 'ފޭސްބުކް'ގައި ޖަހާފައިވާ ޕޯސްޓެއްގައިވާ ގޮތުން، އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ރޯގާ ޖެހި ކެއްސާތީއެވެ.
ނަމަވެސް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭތާ ފަސް ދުވަސްވީ ފަހުން އެ ކުއްޖާ މަރުވީ ލިވާ ފެއިލްވެގެން ކަމަށާއި، އެ ކުއްޖާ ރޭ މަރުވި ނަމަވެސް އެއީ އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ ކުއްޖެއް ކަަމަކަށް އެ ހޮސްޕިޓަލުން އަދިވެސް ގަބޫލު ނުކުރާ ކަމަށް އެ ޕޯސްޓްގައި ބުނެފައިވެއެވެ. އައިސީޔޫގައި އެޑްމިޓް ކުރާނީ ވެންޓިލޭޓަރު ބޭނުންވާ ބަލި މީހުން ކަމަށާއި އެ ކުއްޖާ އައިސީޔޫއަށް ލާން ޖެހުނު ނަމަ އެކަން ކުރީސް ކަމަށް ނަރުހުން ބުނެފައިވާ ކަމަށް ވެސް އެ ޕޯސްޓްގައި ބުނެފައި ވެއެވެ.
އެ ޕޯސްޓުގައި ބުނެފައިވާ ގޮތުން، އެ ކުއްޖާގެ ހަށިގަނޑުގައި އިންފެކްޝަން އުފެދުނު ތަނާއި އުފެދުނު ގޮތުގެ އެއްވެސް ޖަވާބެއް އައިޖީއެމްއެޗަކަށް ނުދެވުނެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އައިޖީއެމްއެޗުން ބުނީ، ސިއްހީ ފަރުވާދިނުމާ ބެހޭގޮތުން ހުށަހެޅޭ ކަންބޮޑުވުންތަކާއި ޝަކުވާތައް އަބަދު ވެސް ސީރިއަސްކޮށް އެ ހޮސްޕިޓަލުން ބަލަމުންދާ ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ، މި ހާދިސާގައި ނިޔާވި ތުއްތު ކުއްޖާގެ ބަލީގެ ހާލަތު ހުރިގޮތުން ކުޑަކުދިންގެ ޑޮކްޓަރުންގެ ޓީމުން ދިޔައީ އެ ކުއްޖާގެ ހާލަތު ގާތުން ބަލައި ދެވެންހުރި ފަރުވާ ދީ ގުޅުންހުރި ޓެސްޓުތައް ހަދައި، ފަރުވާއަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުން ކަމަށާއި، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުން ކުއްޖާގެ ހާލަތު ބަލަމުން ދިޔަކަން ހޮސްޕިޓަލުން ބެލިބެލުމުން ފާހަގަކުރެވުނު ކަމަށެވެ.
އިތުރަށް އައިޖީއެމްއެޗުން ބުނީ، ބަލި މީހުންނަށް ފަރުވާ ދިނުމުގައި ހޮސްޕިޓަލުން އަމަލުކުރާ ގޮތަށް ބަލާއިރު، އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ޑޮކްޓަރުން ލަފާދީފި ނަމަ އެކަން ހަމަޖެއްސުމަށް ޑޮކްޓަރުންގެ ޓީމުން މަސައްކަތްކުރާ ކަމަށާއި، އައިޖީއެމްއެޗްގެ އައިސީޔޫ ފުރިއްޖެ ނަމަ މާލޭގެ އެހެން ހޮސްޕިޓަލެއްގެ އައިސީޔޫއަކަށް ބަލިމީހާ ބަދަލުކުރުމުގެ އިންތިޒާމް ހަމަޖައްސައިދޭ ކަމަށެވެ.
ތުއްތު ކުއްޖަކަށް ވެސް ބޮޑު މީހަކަށް ވެސް ހުމާއި އިންފެކްޝަނާ ގުޅިގެން ދިމާވާ އިތުރު ނުރައްކާތެރި ބައެއް ކަންކަމަކީ ފުރާނައަށް ގެއްލުންވާ ފަދަ ކަންކަން ކަމުގައި އައިޖީއެމްއެޗުން ފާހަގަކޮށްފައިވެއެވެ.
މި މައްސަލަ ވެސް އިތުރަށް ބަލަމުންދާ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.