އައިނަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށް، ރަނގަޅު ފެންވަރުގެ އައިނު އަގުހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފަށާނެކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީއެމަނިކުފާނު މިކަން ނިންމެވީ ރައްޔިތުންގެ ފަރާތުން އެކަމަށް އެދިފައިވާތީ، އެއާއިގުޅިގެން ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހުކަމަށެވެ. އަދި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) އަދި ސަރުކާރު ހޮސްޕިޓަލްތަކުން އައިނު ވިޔަފާރި ފެށުމަށް ނިންމާފައިވަނީ އައިނަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކުރުމުން، އެއަގުގައި ދަށް ފެންވަރުގެ އައިނު ރައްޔިތުންނަށް ފޯރުކޮށްދީ، އެކަމުން އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒް ފައިދާ ނެގުމަށް ފުރުސަތު ނުދިނުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްއަށް އެންމެ މުހިންމު ދެވަނަ ސިޔާސަތަކީ ސިއްހީ ދާއިރާ ތަރައްގީކުރުންކަމުގައި ފާހަގަކުރައްވައި، މި ސަރުކާރުން ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ސިއްހީ ދާއިރާ ރަނގަޅުކުރުމަކީ ހަމަ ހުރިހާ ކަމަކާ ގުޅިލާމެހިފައިވާ ކަމެއް ކަމަށާއި، އެހެންކަމުން މި ސަރުކާރުން އިންސާނީ ވަސީލަތް އިތުރުކުރުމާއި އުމްރާނީ ގޮތުންނާއި ވަސީލަތުގެ ގޮތުން އެދާއިރާ ތަރައްގީކުރުމަށް އިސްކަންދެއްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރުވެސް 400 މިލިއަން ރުފިޔާއަށްވުރެ ގިނަ ސިއްހީ ދާއިރާގެ މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ސިއްހީ ހިދުމަތް ހޯދަން، ބޮޑު ތަކުލީފެއް އުފުލާފައި، ރާއްޖޭން ބޭރަށް ދިވެހި ރައްޔިތުން ދާދިއުން ނިމުމަކަށް ގެނައުމަކީ އެމަނިކުފާނުގެ އަމާޒުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މާލެސިޓީ ހޮސްޕިޓާތައްވެސް ފެންވަރު ރަނގަޅުކުރަމުން ގެންދަވަނީ އެކަން ނިމުމަކަށް ގެނައުމަށްކަމުގައެވެ.
ސިއްހަތަށް ކުރެވޭ ހަގީގީ އިންވެސްޓްމަންޓަކީ ބަލިވުމުގެ ކުރިން ފިޔަވަޅުތައް އެޅުންކަމުގައި ފާހަގަކުރައްވައި، މި ސަރުކާރުން ޕްރިވެންޓިވް ހެލްތުކެއާއަށް އެހާ ސަމާލުކަންދެއްވަނީ މި ސަބަބާހުރެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ތެރެއިން އެންމެ ފުރަތަމަ ޑިޖިޓަލައިޒް ކުރައްވާނީ ސިއްހީ ދާއިރާކަމުގައި ރައީސް ވިދާޅުވިއެވެ.