ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އަދަދު 10،103 އަށް އަރާފައި ވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ، ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް 12،730 ދަރިވަރުން ހޮވާފައިވާ ކަމަށެވެ. އޭގެ ތެރެއިން 10،103 ދަރިވަރުން މި ސްކީމުގެ ދަށުން ކިޔަވަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން 2127 ދަރިވަރުން މި ސްކީމުގެ ދަށުން ޑިގްރީ ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފެންރުއަރީ 14، 2019 ވަނަ ދުވަހު ތަންފީޒު ކުރަންފެށި ހިލޭ ޑިގްރީއަށް ކިޔަވައި ދިނުމުގެ އުސޫލުގެ ދަށުން 349 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހިލޭ ޑިގްރީއަށް ކިޔަވައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދު ފުޅެކެވެ.

ފުރަތަމަ ޑިގްރީއަށް ސަރުކާރުގެ ހަރަދުގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލި ފަހުން މި ސްކީމް ތަންފީޒު ކުރުން އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ތަފާތު އެކި މަސައްކަތްތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޮށްފައެވެ.

އެގޮތުން މި ސްކީމަށް ގެނެސްފައިވާ އެންމެ ބޮޑެތި ހެޔޮ ބަދަލުތަކަކީ ކިޔަވައިދޭ ތަނަށް ފައިސާ ދިނުމުގެ ބަދަލުގައި، ސީދާ ދަރިވަރުންނަށް ފައިސާ ލިބޭ ގޮތް ހަމަޖައްސައި ދިނުމެވެ. އަދި އޮންލައިން ޕޯޓަލެއް ކަމަށްވާ މައި އެޑިޔު ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލުމެވެ.

ނަތީޖާއަކަށް ވެގެން ދިޔައީ އަތޮޅު ތެރޭގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުން ދިޔަ އެތައް ދަރިވަރުންނަކަށް ފަސޭހަ ކަމާއެކު މި ސްކީމުގައި ބައިވެރި ވެވޭނެ މަގު ފަހިވެގެން ދިޔުމެވެ. އަދި ކިޔަވާތަނަށް ދައްކަންޖެހޭ ފައިސާ ދެއްކެމުންދާކަމުގެ ޔަގީންކަން ދަރިވަރުންނަށް ލިބެމުން ދިޔުމެވެ.

ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވާސިޓީތަކުގައި ކިޔެވުމަށް އަހަރުގެ އެކި ދުވަސްވަރުގައި ކުދިން އެންރޯލް ކުރެއެވެ. އެހެންކަމުން ޑިގްރީ ޕްރޮގްރާމު ތަކުގައި އަލަށް އެންރޯލްވާ ދަރިވަރުން މި ސްކީމްގައި ބައިވެރި ކުރުމުގެ މަސައްކަތް އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ކުރިއަށް ދެއެވެ.