ޕްލާސްޓިކްގެ ސަބަބުން ކުރިމަތިލާން ޖެހިފައި ވާ ތަޣައްޔަރު ކަމަކީ، އެކަމަކުން ސަލާމަތް ވުމަށްޓަކާ އދގެ ވަރުގަދަ މުއާހަދާއަކަށް ބޭނުން ވެފައި ވާ އާލަމީ، ކުއްލި ނުރައްކަލެއް ކަމަށް އެންވާރަމަންޓަލް އިންވެސްޓިގޭޝަން އޭޖެންސީ (އީއައިއޭ) ގެ ރިޕޯޓް ބުނެފިއެވެ.

އީއައިއޭގެ ރިޕޯޓް ބުނާ ގޮތުގައި ޕްލާސްޓިކްގެ ސަބަބުން ލިބެމުންދާ ނުރައްކާތެރި ގެއްލުންތަކުގެ ސާބިތު ހެކި ލިބިފައި އެބަހުއްޓެވެ. އަދި ޕްލާސްޓިކްގެ ތަޣައްޔަރު ކަމަކީ، މޫސުމީ ނޭދެވޭ ބަދަލުތަކާ އެއްވަރުގެ ނުރައްކަލެއް ކަމަށްވެސް ރިޕޯޓްގައި ވަކާލާތު ކޮށްފައިވެއެވެ.

އިންސާނުން މިއަދު ލަމުންދާ ނޭވާގައި މައިކްރޯ ޕްލާސްޓިކް ކޮޅުކޮޅު ހިމެނޭއިރު، އާކްޓިކްގެ ސްނޯތަކުގައިވެސް ޕްލާސްޓިކްގެ އަސަރު އެބަހުއްޓެވެ. ވެލިގަނޑުގައި ޕްލާސްޓިކް ހުރިއިރު، ކާބޯތަކެތީގައިވެސް ޕްލާސްޓިކް ހިމެނެއެވެ.

އީއައިއޭގެ ޓޮމް ގަމޭޖް ވިދާޅުވީ، ތަޣައްޔަރު ކަމުގެ ބިޔަރާޅު މަތަ ކުރަން މަސައްކަތް ނުކޮށްފިނަމަ، 2040 ވަނަ އަހަރު އަންނައިރު ކަނޑުތަކުގައި ވާ ޕްލާސްޓިކުގެ ބަރުދަން، އެ ކަނޑުތަކުގައި ވާ މަސްމަހާމެހީގެ ދިރުންތަކަށް ވުރެ ބަރު ވާނެ ކަމަށެވެ.

ގަމޭޖް އިތުރަށް ވިދާޅުވީ ޕްލާސްޓިކްގެ ސަބަބުން ލިބޭ ގެއްލުންތަކަކީ ލޮލަށް ފެންނަ ގެއްލުންތަކަކަށް ވާ އިރު، ބޮޑީ، ލޮލަށް ނުފެންނަ ގެއްލުންތައް ކަމަށެވެ.

ރިޕޯޓްގެ މުސައްނިފުން ވަނީ، ޕްލާސްޓިކް އުފެއްދުމާއި، ކުނީގެ ގޮތުގައި ޕްލާސްޓިކް އުކާލާ މިންވަރު ދަށް ކުރުމަށް ހުރިހާ ގައުމެއްގެ ބައިވެރިވުމާއި ޝާމިލުވުން ލިބޭނެ، އދގެ މުއާހަދާއަކަށް އެއްބަސްވުމަށް، މެންބަރު ގައުމުތަކަށް ގޮވާލައްވާފައެވެ.

ނަމަވެސް، ބައެއް ގައުމުތަކުން ދަނީ މިފަދަ މުއާހަދާއަކަށް އިންކާރު ކުރަމުންނެވެ.