ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރި މައްސަލާގައި، ދިވެހި ސަރުކާރުން ޖަވާބުދާރީވުމަށް އދ. އިން އަންގައިފިއެވެ.
ޕާޓީއަށް މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ތައްޔާރުވަމުން ދަނިކޮށް މިއަހަރުގެ ފެބްރުއަރީ 26 ވަނަ ދުވަހު ތިން ފަނޑިޔާރަކު ވަނީ ސަސްޕެންޑްކޮށްފައެވެ. އެގޮތުން ސަސްޕެންޑްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރުއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފޮނުވި ސިޓީއަކަށް ބިނާކޮށް ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލަ ސުއޫދާއި އަޒްމިރަލްދާގެ ފަރާތުން އދ.ގެ ދެ ގުނަވަނަކަށްވަނީ ހުށަހަޅާފައެވެ. އެގޮތުން ހުސްނުއްސުއޫދު މި މައްސަލަ ހުށަހެޅުއްވީ އދ.ގެ އިންސާނީ ހައްގުތަކުގެ މަތީ ކޮމިޝަނަށެވެ. އަދި އިޒްމިރަލްދާ މައްސަލަ ހުށަހެޅުއްވީ އދ.ގެ ސްޕެޝަލް ރެޕަޓުއާ އޮން އިންޑެޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔާސްއަށެވެ.
މި މައްސަލައިގައި އަންނަ މަހު 2 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީވުމަށް އދ.އިން ވަނީ އަންގާފައެވެ. މި މައްސަލައާއި ގުޅޭ ގޮތުން 'ދަ ޕްރެސް' އިން މައުލޫމާތު ދެމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ އެ މައުލޫމާތު ބަލާލުމަށްފަހު ހިއްސާކުރައްވާނެކަމަށެވެ.