ރަޝިއާގެ ސަފީރު ލިވަން ޖަގަރްޔަންގެ ފާޑުވިދާޅުވުމާ ގުޅިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަޝިއާ ސަފީރުގެ އަރިހުން މައާފަށް އެދިވަޑައިގެންފިއެވެ.

މިދިޔަ ހޯމަ ދުވަހު އދ. ގެ އާންމު މަޖިލީހުގައި ނެގި ވޯޓެއްގައި ރާއްޖޭން ވަނީ، ރަޝިއާ އާއި ޔޫކްރައިނާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ޔޫކްރައިނާ އެއްކޮޅަށް ވޯޓުދީފައެވެ. މިކަމާ ގުޅިގެން މިއީ ރާއްޖެއަށް ލިބުނު ފަހުރެއްގެ ގޮތުގައި ސިފަކުރައްވައި ނަޝީދު 'އެކްސް'ގައި ލިޔުއްވާފައި ވެއެވެ.

"އެމެރިކާ، ރަޝިއާ އާއި އުތުރު ކޮރެއާ އާ އެއްކޮޅަށް އެރުމުން (އެއްކޮޅަށް ވޯޓުދިނުން) ހައިރާންވޭ، އަޅުގަނޑު އުފާކުރަން ވިލާތުގެ ގައުމުތަކާ އެކު ރާއްޖޭން ވެސް އާންމު ވިސްނުމާ އެއްގޮތަށް ވޯޓުލުމުގައި ހިތްވަރާއި ދުރުވިސްނުން އިސްކޮށްފައިވާތީ" ނަޝީދުގެ ޕޯސްޓުގައިވެއެވެ.

އެ ޕޯސްޓާ ގުޅިގެން ރަޝިއާގެ ސަފީރު ވިދާޅުވީ، ޔޫކްރައިނާ އެއްކޮޅަށް ރާއްޖޭން ވޯޓުދިނުން ފަހުރެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވުމުން ހައިރާންވެވަޑައިގެންނެވި ކަމަށާއި، ޔޫކްރައިން ހަނގުރާމައަށް ސުލްހަވެރި ނިމުމެއް ގެންނަން މިހާރު ބަދަލުވެފައިވާ ވިސްނުމާ ދުރުގައި ނަޝީދު ފަދަ ބޭފުޅަކު ހުންނެވުމުން ސުވާލު އުފެދޭ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމެރިކާ އިން ހަގީގަތާ އެއްގޮތް ސިޔާސަތަކަށް މިސްރާބު ޖަހާފައި ވާއިރު ނަޝީދު މި އިސްކުރައްވަނީ ވިލާތުން ގެންގުޅޭ މުސްކުޅިވެފައިވާ އަސްކަރީ ވިސްނުމެވެ.

މިކަމާ ގުޅިގެން ނަޝީދު ރަޝިއާގެ ސަފީރުގެ އަރިހުން މައާފަށް އެދިވަޑައިގެން، އދ ގައި ރާއްޖޭން ވޯޓު ދިން ދިނުމަކީ ރަޝިއާ އާ ދެކޮޅަށް ތެދުވުން ނޫން ކަމަށާއި، ރާއްޖޭން ދެކެން ބޭނުންވަނީ ސުލްހައިގެ މަންޒަރު ކަމަށް ލިޔުއްވާފައި ވެއެވެ. އިތުރަށް އެމަނިކުފާނު ލިޔުއްވިގޮތުގައި، ރާއްޖެއަކީ ކުޑަ ގައުމަކަށް ވެފައި، ބަދަލުވަމުންދާ ބޭރު ގައުމުތަކުގެ ސިޔާސީ މައްސަލަތަކުގެ ތެރެޔަށް ރާއްޖޭން ވަންނަން ބޭނުމެއް ނޫނެވެ.

"ސަފީރެވެ، އަޅުގަނޑުމެން ރާއްޖޭން ރަޝިއާއިން ދޭ އެހީތެރިކަން ގަބޫލުކުރަމެވެ، އެކަން ރާއްޖެއަށް ޒިޔާރަތްކުރާ ރަޝިއާގެ ފަތުރުވެރިންގެ އަދަދުތަކުން ފެނެއެވެ،" ނަޝީދު ލިޔުއްވާފައިވެއެވެ.

ރަޝިއާގެ ސަފީރު ވަނީ، އެއްވެސް ގައުމެއްގެ ކުދިބޮޑުމިނަށް ނުބަލައި އެ ގައުމުން ރާއްޖެ ހިމެނޭހެން ހުރިހާ ގައުމަކަށް އިހްތިރާމް ކުރައްވާ ކަމަށް ލިޔުއްވައިފައެވެ. އަދި ޔޫކްރައިނާއި ގާޒާ އާއި ސީރިއާގައި ސުލްހަ ގާއިމްކުރުމަށް ގެންގުޅޭ ސިޔާސަތު ދަމަހައްޓާނެ ކަމުގައި ވެސް ސަފީރު ލިޔުއްވާފައި ވެއެވެ.