ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ބުނެ ސަސްޕެންޑުކޮށް ޖޭއެސްސީން ބަލަމުންދާ މައްސަލަ އދ. ގެ ސަމާލުކަމަށް ގެނެސްފިއެވެ.

ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން މި މައްސަލަ އދ. ގެ ސަމާލުކަމަށް ގެނެސްފައިވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް، ހުދު އޭނާ އާއި ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސަސްޕެންޑުކޮށްފައިވާ މައްސަލަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރަށާއި ވިލާތުގެ އިއްތިހާދަށާއި ކޮމަންވެލްތަށް ހުށަހަޅުއްވާފައި ވަނިކޮށެވެ.

އަޒްމިރަލްދާގެ މައްޗަށް ތުހުމަތުކުރަނީ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވިކަމަށެވެ. އަޒްމިރަލްދާ މި ތުހުމަތުތަކަށް އިންކާރުކުރައްވައެވެ.

އަޒްމިރަލްދާގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނުގައިވާ ގޮތުން، ޖޭއެސްސީގެ ތަހްގީގު ކޮމިޓީއަށް ކްރިމިނަލް ކޯޓުގެ ގާޒީން ދެއްވި ބަޔާންތަކުގައި ފަނޑިޔާރު އަޒްމިރަލްދާ އާ ގުޅުވައި އެއްގޮތަކަށް ވެސް ވިދާޅުވެފައިނުވާ ވާހަކަތައް ގާޒީއަކު ވިދާޅުވެފައިވާ ކަމަށް ޖޭއެސްސީގެ ކޮމިޓީ ރިޕޯޓުގައި ހިމަނާފައިވެއެވެ.

އަދި ކޮމިޓީގެ ތަހްގީގަށް ލިބިފައިވާ ބަޔާންތަކާ ހަވާލާދީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކޮމިޓީ ރިޕޯޓުގައި ހިމަނާފައިވުމަކީ ޖޭއެސްސީގެ ގާނޫނުގައިވާ އުސޫލުތަކާ ހިލާފު ކަމެއްކަމުގައި އަޒްމިރަލްދާގެ ވަކީލުންގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އަޒްމިރަލްދާގެ ވަކީލުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި:

  • އަޒްމިރަލްދާގެ މައްޗަށް ޖިނާއީ ތަހްގީގެއް އޭސީސީން ފަށާފައިނުވަނީސް ޖިނާއީ ތަހްގީގެއް ކުރަމުންދާ ކަމަށް ބުނެ، އެ ކޮމިޝަންގެ އާންމު އިޖުރާއަތުތަކާ ހިލާފަށް ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ޖޭއެސްސީއަށް ސިޓީ ފޮނުވުމުގައި ޖިނާއީ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ
  • އެ މައްސަލަ ތަހްގީގުކޮށްދިނުމަށް އެދި އޭސީސީ އަށް ހުށަހެޅި މައްސަލަ އިއްޔެ އެ ކޮމިޝަންގައި ރަޖިސްޓްރީކުރި
  • ސުޕްރީމް ކޯޓުގައި ހިނގަމުންދާ ޕާޓީ ބަދަލުކުރުމާ ގުޅޭގޮތުން ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ މައްސަލައާ ގުޅިގެން އަޒްމިރަލްދާ އަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަ ރަޖިސްޓްރީނުކުރުމަށް އޭސީސީން ނިންމި ނިންމުން މުރާޖައާކުރުމަށް މި މަހު ނުވަވަނަ ދުވަހު ހުށަހެޅި ނަމަވެސް އެ ހުށަހެޅުމާ މެދު އެ ކޮމިޝަނުން ޖަވާބެއް ނުދޭ
  • މި މައްސަލައިގެ ލިޔުމެއް ފޯރުކޮށްދޭން އެދުމުން އޭސީސީން ފޯރުކޮށްދެވެން ނެތް ކަމަށް އަންގާފައިވޭ

ވަކީލުން ވިދާޅުވީ، ޖޭއެސްސީން ބަލަމުންދާ މައްސަލަ އދ. ގެ ފަނޑިޔާރުންގެ ހާއްސަ ރެޕަޓުއާ އާއި ބޭރު ގައުމުތަކުގެ ހައިކޮމިޝަންތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.