އަފްގާނިސްތާނުގެ ހުޅަނގުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 26 އަށް އަރާފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ބާޒް ޕްރޮވިންސްގެ ތަރުޖަމަނާކާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، ބިންހެލުމުގެ ހާދިސާގައި މަރުވި މީހުންނަކީ އެ މީހުން ދިރިއުޅެމުން ދިޔަ ގެތަކުގެ ފުރާޅު ވެއްޓިގެން މަރުވި މީހުންނެވެ.

މަރުވި މީހުންގެ ތެރޭގައި 5 އަންހެނުންނާއި 4 ކުޑަ ކުދިން ހިމެނެއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ހާމަ ކުރި ގޮތުގައި، ވަރަށް ތިލައިން އަފްގާނިސްތާނަށް އައިސްފައި ވަނީ، ރެކްޓާ މިންގަނޑުން 5.3ގެ ބާރު މިނުގެ ބިންހެލުމެކެވެ. ފުރަތަމަ ބިންހެލުމުގެ 120 އަކަށް މިނެޓް ފަހުން، ރެކްޓާ މިންގަނޑުން 4.9ގެ ބާރު މިނުގެ ދެވަނަ ހެލުމެއްވެސް އައި ކަމަށް ހަބަރު ލިބެއެވެ.

މި ބިންހެލުމުގައި 700 އަށް ވުރެ ގިނަ ގެ ހަލާކު ވެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާއިން ކުރި 20 އަހަރުގެ ހަނގުރާމަ ނިންމާ، އަފްގާނިސްތާނުގެ ކޮންޓްރޯލް ތޯލިބާނުންގެ މުށު ތެރޭގައި ފިއްތަމުން ދާ އިރު، މި ދަނޑިވަޅަކީ އިންސާނީ ކާރިސާއެއްގެ ތުންފަތް މަތީގައި އަފްގާނިސްތާން އޮތް ދަނޑިވަޅެކެވެ.

ބިންހެލުން އައި ސަރަހައްދަކީ ހަނަފަސްކަމުގެ ސަބަބުންވެސް ނޭދެވޭ އަސަރުތަކެއް ކޮށްފައި ވާ ސަރަހައްދަކަށް ވާއިރު، އެއީ ފާއިތުވީ 20 އަހަރު ދުވަހުގެ ތެރޭގައި އަފްގާނިސްތާނަށް ލިބުނު ބޭރުގެ އެހީތަކުންވެސް މާ ބޮޑު މަންފާއެއް ކުރި ސަރަހައްދެއް ނޫނެވެ.

ބިންހެލުމަކީ އަފްގާނިސްތާނަށް އާންމު ކަމެކެވެ. ވަކިން ހާއްސަކޮށް، ހިންދު ކުޝް ފަރުބަދަބަރި ހިމެނެ ސަރަހައްދުގައެވެ. މި ސަރަހައްދަކީ ޔުރޭޝިއަން ޕްލޭޓާއި އިންޑިއަން ޕްލޭޓް ފައްތަރުވާ ހިސާބެވެ.