އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހާ ގޮތަށް ހަމަޖައްސައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑުން ރައްކާތެރިވުމަށް ޖެހި ވެކްސިނެއްގެ ކަނޑައަޅާފައިވާ ޑޯޒްތައް ފުރިހަމަކުރިތާ ހަ މަސް ފުރިހަމަ ވެފައިވާ 18 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ބޫސްޓާ ޑޯޒެއްގެ ގޮތުގައި ފައިޒާ ވެކްސިން އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޖަހަން ނިންމާފައިވާ ކަމަށެވެ.

ވެކްސިން ޖަހަންދާއިރު ބަލަންޖެހޭ ކަންތައްތަކުގެ ތެރޭގައި އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމާއި، ބަލީގެ އެއްވެސް އަލާމާތެއް ނެތުން ހިމެނެއެވެ. އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުމާ ގަޔަށް ދޫ، ފަސޭހައިން ވެކްސިން ޖަހަން ކޮނޑު ދެއްކޭނެ ހެދުމެއް ލައިގެން ދިއުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.

މީގެ އިތުރުން ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށާއި، ވެކްސިން ޖަހަންދާ އިރު އަމިއްލަ ފެން ފުޅިއެއް ގެންދިއުމުގެ އިތުރުން ވެކްސިން ޖަހަންދާ އިރު އެކުގައި އެކަކަށް ވުރެ ގިނަ ޟިހުން ނުގެން ދިއުމަށް އެޗްޕީޢޭއިން އިލްތިމާސްކުރެއެވެ.

މާލެ ސަރަހައްދުގައި ބޫސްޓާ ޑޯޒް ވެކްސިން ޖަހަން ބޭނުންވާ މީހުން އެޗްޕީއޭގެ ވެބްސައިޓުން އެޕޮއިންޓް ހެއްދުމަށް އެ އެޖެންސީން ބުނެއެވެ.

މިވަގުތު މާލެ ސަރަހައްދުން ކޭސްތައް ގިނަ ވަމުން އަންނާތީ، މާސްކް އެޅުން މަޖުބޫރުކޮށް މާސްކް ނާޅާ ނަމަ ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ. ހަމައެއާއެކު މާލެ ސަރަހައްދުގައި މީހުން އެއްވާ ގޮތަށް އިވެންޓްތަކާއި ހަލްފާތައް ބޭއްވުމުގައި ވެސް ވަނީ ފިޔަވަޅުތައް އަޅާ ހަރުކަށިކޮށްފައެވެ. އެ ގޮތުން 50 މީހުންނަށް ވުރެ ގިނަ މީހުން އެއްނުވުމަށާއި 50 މީހުންނަށް ވުރެ މަދުން އެއްވާ ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އަންގާފައެވެ.

މިހާރު ރާއްޖެއިން އޮމިކްރޯން ވޭރިއަންޓް ފެނިފައިވާ އިރު، މިހާތަނަށް ރާއްޖެ އިން 19 ފަތުރުވެރިޔަކާއި 8 ދިވެއްސެއްގެ ގައިން މި ވޭރިއަންޓްގެ ވައިރަސް ވަނީ ފެނިފައެވެ. އެގޮތުން އޮމިކްރޯން ފެނިފައިވަނީ މާލޭގެ އިތުރުން ކ. މާފުއްޓާއި ދ. ކުޑަހުވަދޫން ކަމަށް ސިއްހީ މާހިރުން ބުނެއެވެ.