ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ދުނިޔޭގެ 150 ގައުމެއްގައި ޖަހަން ވިއްކި 3 ބިލިއަން ޑޯޒްގެ ކޮވިޝީލްޑުން ލޭނގަނޑުވާ މައްސަލަ އާއި އެހެނިހެން ސައިޑްއިފެކްޓްސް ފެންނަ މައްސަލައިގައި ބަޔަކު ކޯޓަށް ދިޔުމުން, 2021 ގެ ޕެކިން ލިސްޓުގައި އެވާހަކަ ލިޔެފައި އޮންނާނެ ކަމަށް އިންޑިއާ ކުންފުނިން ބުނެފިއެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ޖެހި ކޮވިޝީލްޑުން ލޭގަނޑު ވުމުގެ މައްސަލަ ފެންމަތިވެ, ސިކުނޑީގެ މައްސަލަތައް ދިމާވެ ފުރާނަ ގެއްލުމުގެ ހާދިސާތައް ހިނގާފައި ވާކަމަށް ބުނެ އިނގިރޭސިވިލާތުގެ ހައިކޯޓަށް ބަޔަކު ދިޔުމާއެކު, އާންމު ކޮށް ދިމާވެދާނެ ސައިޑްއިފެކްޓްސް ތަކާއި އަދި ފަހަރެއްގައި ދިމާވެދާނެ ސައިޑްއިފެކްޓްސް ތައް ހިމެނޭ ލިޔުމެއް 2021 ގައި އުފެއްދި ޝިމްޕަންޓްތަކުގައި ހިމަނާފައި ވާނެ ކަމަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން ބުނެފިއެވެ.

ރާއްޖެއަށް ކޮވިޝީލްޑް ގެނެސް ޖަހަން ފެށީ އެ ވެކްސިންގެ ޓްރަޔަލް މަރުހަލާގައި 2021 ގެ ފެބްރުއަރީ ގައެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ޖެއްސެވީ ޑރ. ޝިރާނީ އަބްދުއްރަހްމާންއެވެ. އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް އެ ވެކްސިން ޖެއްސެވި އިރު އޭރުގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވެކްސިން ޖެއްސެވީ ރާއްޖެއިން ބޭރުގައި ހުންނަވައެވެ.

ރާއްޖޭގައި ދިރިއުޅޭ އާބަދީގެ ތެރެއިން 350,000 އެއްހާ މީހުން ވެކްސިން ޖެހި އިރު ގިނަ ބަޔަކު ވަނީ ކޮވިޝީލްޑްގެ 2 ޑޯޒް ޖަހާފައެވެ. އަދި 3 ވަނަ ޑޯޒަކާއި 4 ވަނަ ޑޯޒެއް ޖެހި މީހުންވެސް ރާއްޖޭގައި އެބަތިއްބެއެވެ. ރާއްޖޭގައި ބޫސްޓާ ޑޯޒްގެ ގޮތުގައި ފަހުން ޖެހީ, ފައިޒާއެވެ. ރާއްޖޭގައި ޗައިނާގެ ވެކްސިނާއި, އެސްޓްރާޒެނިކާގެ ވެކްސިންގެ އިތުރުން އިންޑިއާގެ ދެ ވެކްސިނެއް ޖެހިއެވެ. ކުޑަކުދިންނަށް އަމާޒުކޮށް އިންޑިއާގެ ކޮވެކްސިން ތައާރަފުކޮށް އެވެސް ވަނީ ޖަހާފައެވެ.

ކޮވިޝީލްޑަކީ, އިނގިރޭސިވިލާތުގެ އޮކްސްފޯޑާއި އެސްޓްރާޒެނިކާ ގުޅިގެން ޔޫރަޕަށް ނެރުނު ވެކްސްޒެވްރިއާ ގެ ބަދަލުގައި އެސްޓްރަޒެނިކާއިން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާ ގުޅިގެން އެގައުމު ހިމެނޭހެން ފަގީރު އަދި މެދުފަންތީގެ ގައުމުތަކަށް އަމާޒު ކޮށް އިންޑިއާގައި އުފެއްދި ވެކްސިނެވެ.

2021 ގެ ޑިސެމްބަރުގައި އެ ވެކްސިން އުފެއްދުން ހުއްޓާލި އިރު, ސީރަމް އިންސްޓިޓިއުޓުން ބުނީ, 2021 ގައި އުފައްދަމުން ދިޔަ ސްޓޮކްގައި ލޭގަނޑުވާނެ ކަމަށް ލިޔެފައި ވާ ލީފްލެޓެއް ވެކްސިންގެ ޕެކިން އާއެކު ފޯރުކޮށްދެމުން ގެންދިޔަ ކަމަށެވެ.

ނަމަވެސް ރާއްޖޭގައި މި ވެކްސިން ޖަހަމުން ގެންދިޔަ އިރު އެޗްޕީއޭގެ އޮފިޝަލުން އެފަދަ މައުލޫމާތެއް އާންމުކޮށް ދީފައެއް ނުވެއެވެ. ބުނަމުން ގެންދިޔައީ ވެކްސިން ޖެހުމުން ކޮވިޑް ޖެހުނަސް ބޮޑުވަރު ވިޔަ ނުދީ ރައްކާތެރި ކޮށްދޭނެ ކަމަށެވެ.

ގައުމީ ބޮޑު ކެމްޕެއިނެއް ހިންގާ, އާބާދީގައި ވެކްސިން ޖެހޭ އުމުރުގެ އެންމެނަށްހެން ވެކްސިން ޖެހި އިރު, ސައިޑްއިފެކްޓްސް ގެ ވާހަކަ ޑަބްލިއުއެޗްއޯއާއި އެމެރިކާގެ ސީޑީސީ އާއި އެސްޓްރާޒެނިކާއިން ވެސް ބުނަމުން ދިޔަ ނަމަވެސް ލޭގަނޑުވާ ވާހަކަ އެހާ ފުޅާދާއިރާއެއްގައި ދައްކާފައެއް ނުވެއެވެ.

މި ވެކްސިން އިންޑިއާއިން ގިނަ ގައުމުތަކަށް ހިލޭ ފޯރުކޮށްދިނެވެ.