ކޮވިޑް19 ގެ ބަލިމަޑުކަމުގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށާއި ކޮވިޑް ޖެހި ބޮޑުވަރުވިޔަ ނުދޭން ޖަހަމުން ގެންދިޔަ ކޮވިޝީލްޑުން ލޭ ގަނޑުވުމާއި ލޭގައި ހުންނަންޖެހޭ ޕެލެޓްލެޓް ގެ މިންވަރު ދަށްވާ ކަމަށް މައި ކުންފުނިން އެއްބަސް ވެއްޖެއެވެ.

އިނގިރޭސިވިލާތުގައި ބޭސް އުފައްދާ އެސްޓްރާޒެނިކާގެ އުފެއްދުމެއް ކަމަށް ވާ ކޮވިޑް ވެކްސިން އޮކްސްފޯޑާއި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާ ގުޅިގެން އިންޑިއާގައި ފުޅާދާއިރާއެއްގައި އުފެއްދި ކިވިޝީލްޑް ވަނީ ދުނިޔޭގެ 150 ގައުމަކަށް ވިއްކާ އެތައް މިލިއަން ބައެއްގެ ގަޔަށް ޖަހާފައެވެ.

ކޮވިޑް ވެކްސިނަށް ފަހު ގޮތް ނޭނގޭ މަރުތައް ދުނިޔޭގެ އެތަން މިތާނގައި ގިނަ ވަމުން އަންނަކަމަށް ރިޕޯޓު ކުރަމުން ދަނިކޮށް, އެ ވެކްސިނާ ގުޅިގެން ލޭ ގަނޑުވުމުގެ ހާދިސާތަކެއް ދިމާވި 50 މީހަކު މިހާރު ވަނީ ބަދަލު ހޯދަން އިނގިރޭސިވިލާތުގެ ކޯޓަށް ގޮސްފައެވެ.

ގާތްގަނޑަކަށް 100 މިލިއަން ޕައުންޑްގެ ބަދަލަކަށް އެމީހުން ޑިމާންޑް ކުރާއިރު މައްސަލައާ ގުޅިގެން އެސްޓްރާޒެނިކާ އިން ބުނީ, އެ މީހުންގެ ވެކްސިންތަކަކީ ރައްކާތެރި ވެކްސިންތަކެއް ކަމަށާއި ނަމަވެސް ވަރަށް މަދުހާލަތެއްގައި ލޭގަނޑުވުމާއި ޕްލެޓްލެޓް ކައުންޓް [ލޭގައި ޕްލެޓްލެޓް ހުންނަން ޖެހޭ މިންވަރު] ދަށްކަން ފާހަގަ ވެފައި ވާ ކަމަށެވެ. އަދި މިކަން ފާހަގަ ވެފައި ވާތީ މައާފަށް އެދެމުން އެ ކުންފުނިން ބުނީ, ވެކްސިންގެ ފުރަތަމަ މަރުހަލާގައި ވެސް އެކަން ފާހަކަކުރެވިފައި ވީ ނަމަވެސް ވެކްސިންގެ ރައްކާތެރިކަމާއި ވެކްސިންގެ ސަބަބުން ވައިރަސް ފެތުރުން މަޑުޖެހިގެން ދިޔުމަށް ވީ އެހީތެރިކަން މާބޮޑު ކަމަށެވެ.

ކޮވިޑް ވެކްސިންތައް އުފެއްދި ގައުމުތަކުން އެކިއެކި ނަންނަމުގައި ވެކްސިންތައް އުފައްދާ ބާޒާރަށް ނެރުނު އިރު އެތަކެތީގެ ރައްކާތެރިކަން ހުންނާނެ މިންވަރުވެސް ހާމަ ކުރަމުން ދިޔައެވެ. އެގޮތުން އެންމެ ރައްކާތެރި ވެކްސިނެއް ކަމަށް އޭރުވެސް ލިސްޓު ކުރަމުން ދިޔައީ އެސްޓްރާޒެނިކާގެ ވެކްސިނެވެ. ނަމަވެސް އެއީ އެސްޓްރާޒެނިކާގެ އޮކްސްފޯޑް ވެކްސިނެވެ. އިންޑިއާގައި އުފެއްދި ކޮވިޝީލްޑްގެ ރައްކާތެރިކަން އެސްޓްރާޒެނިކާގެ އޮކްސްފޯޑް ވެކްސިނަށް ވުރެ އޭރުވެސް ދަށްކަމަށް ބުނެފައި އޮތެވެ.

ރާއްޖޭގެ ބޮޑު އާބާދީއަކަށް ޖަހާފައި ވަނީ އިންޑިއާގެ ކޮވިޝީލްޑާއި ޗައިނާގެ ސިނޯވެކް އާއި ޕީފައިޒާ އާއި ދެން އެސްޓްރާޒެނިކާ ވެކްސިނެވެ.

މައްސަލަ ހިފައިގެން ކޯޓަށް ވަން މީހުން ބުނީ, ލޭގަނޑުވުމުގެ މައްސަލަތައް ފާހަގަވެ ސިނކުޑީގެ މައްސަލަތައް ކުރިމަތިވެފައި ވާ ކަމަށާއި އެކަމުގެ ސަބަބުން މަސައްކަތުގެ މާހައުލުން ވެސް އެކަހެރިވާން މަޖުބޫރުވި ކަމަށެވެ.