ކޮވިޑާ ގުޅިގެން ރާއްޖެ ހިމެނޭހެން ދުނިޔޭގެ 150 ގައުމެއްގައި ޖަހަމުން ދިޔަ ކޮވިޝީލްޑް ވެކްސިން އިން ލޭގަނޑުވާ މައްސަލަތައް ދިމާވާކަމަށް ބުނެ ބަޔަކު ކޯޓަށް ދިޔަ ތަނުން އެ ވެކްސިން ބާޒާރުން ނަގަން ފަށައިފިއެވެ.
އިނގިރޭސިވިލާތުގައި ބޭސް އުފައްދާ އެސްޓްރާޒެނިކާ ކުންފުނިން ތަރައްގީ ކޮށް އެކި ބްރޭންޑް ނަންތަކުގައި ބާޒާރަށް ނެރުނު ވެކްސިން އިން ފުރާނައަށް ނުރައްވާ ސައިޑްއިފެކްޓްތައް ހުރި ކަމަށް އެކުންފުނިން ކޯޓުގައި އެއްބަސް ވިތާ ހަފްތާއެއް ނުވެ ވެކްސިން ބާޒާރުން ނަގަން ފަށާ ބުނެފައި ވަނީ އެއީ ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަށް ހުސްވި މާޗް މަހުގެ 5 ގައި ކުންފުނިން ނިންމާފައި ވާ ކަމަށާއި އެއީ ކޮވިޝީލްޑަށް ވުރެ ތަރައްގީ ކޮށްފައި ވާ އާ ވެކްސިން ބާޒާރަށް ނިކުތުމާއި ކޮވިޝީލްޑް އުފެއްދުން ހުއްޓާލާފައި ވުމުން ކަމަށް ބުނެފައި ވެއެވެ.
ކޮވިޝީލްޑް ޖަހައިގެން އެކި އެކި ސައިޑްއިފެކްޓްސް ތައް ކުރިމަތިވި 50 މީހަކު އިނގިރޭސިވިލާތުގެ ހައިކޯޓަށް މައްސަލައެއް ވައްދާފައި ވަނީ އެ ވެކްސިން ޖަހައިގެން ލޭ ގަނޑުވުން ދިމާވެ އާންމު ދިރިއުޅުމައި އާދައިގެ މަތިން އުޅެން އުނދަގޫވުމާއި ސިކުނޑިއަށް ގެއްލުންވުން ފަދަ އެތައް ހެކިތަކެއް ހުށަހަޅައެވެ. މިދިޔަ ފެބްރުއަރީގައި ކޯޓަށް މައްސަލަ ވެއްދި މީހުން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 100 މިލިއަން ޕައުންޑް ހޯދަން ހުށަހަޅާފައެވެ.
2020 ގެ ތެރޭގައި މުޅި ދުނިޔެއަށް ފެތުރިގެން ދިޔަ ކޮވިޑްގެ ވަބާ ރާއްޖެއަށް ވެސް ފޯރާ ރާއްޖެ ލޮކްޑައުންކޮށް އާންމު ދިރިއުޅުން ހުއްޓިގެން ދިޔަ ހާލަތުގައި ކޮވިޑުން ރައްކާތެރިވުމަށް ފުޅާދާއިރާއެއްގައި ރާއްޖޭގައި ވެސް ޖެހީ ކޮވިޝީލްޑް ވެކްސިނެކެވެ.
އިނގިރޭސިވިލާތުގެ އޮކްސްފޯޑާއި އެސްޓަރާޒެނީކާ ގުޅިގެން ޔޫރަޕަށް ހާއްސަ ވެކްސިނެއް ނެރުނު އިތު މެދުފަންތީގެ ގައުމުތަކާއި ފަގީރު ގައުމުތަކަށް ހާއްސަ ކޮށްގެން ނެރުނީ އެ ފަރާތުން އިންޑިއާގެ ސީރަމް އިންސްޓިއުޓާ ގުޅިގެން އިންޑިއާގައި އުފެއްދި ކޮވިޝީލްޑެވެ. ފުޅާ ދާއިރާއެއްގައި ކޮވިޝީލްޑް ވިއްކި އިރު ދުނިޔޭގެ 150 ގައުމެއްގެ އާބާދީގެ ބޮޑުބައި ޖެހީ މި ވެކްސިނެވެ. ރާއްޖޭގައި ޕީފައިޒާ އާއި އެސްޓްރާޒެނިކާ ގެ ޖެބް ކޮންމެވެސް ވަރަކަށް ޖެހި ނަމަވެސް ބޮޑު އާބާދީއަކަށް ޖަހާފައި ވަނީ އިންޑިއާގައި އުފެއްދި ކޮވިޝީލްޑެވެ.
ޔޫކޭގައި 50 އެކަކު މައްސަލަ ހިފައިގެން ކޯޓަށް ދިޔަ އިރު ރިޕޯޓުތަކުން ބުނާ ގޮތުން ލޭގަނޑުވުމާއި ލޭގެ ޕްލެޓްލެޓް ކައުންޓް ދަށްވުމުގެ މައްސަލަތަކުގައި ޔޫކޭގައި 81 މަރުވެފައި ވެއެވެ. އެއީ ސީދާ އެ ވެކްސިނާ ގުޅުން ހުރި މަރުތައްކަން އަދި ސާބިތު ކޮށްދެވިފައި ނުވި ނަމަވެސް ވެކްސިނާ އެއްކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުން ބުނެފައި ވަނީ, މުޅި ދުނިޔެއަށް ސަޕްލައި ކުރި 3 ބިލިއަން ޑޯޒް ގެ ތެރެއިން ފުރަތަމަ އަހަރު އެކަނިވެސް 6.5 މިލިއަން ޑޯޒް ޖަހާ, ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނު ކަމަށެވެ. އޭރު ކޮވިޝީލްޑް ޖަހަމުން ގެންދިޔައީ ކޮވިޑް ޖެހުނަސް ބޮޑުވަރު ވިޔަ ނުދިނުމަށާއި ފުރާނައަށް ނުރައްކާވިޔަ ނުދިނުމަށް ކަމަށް ބުނެއެވެ. އޭރުވެސް އެ ވެކްސިންގައި ސައިޑްއިފެކްސްޓް ހުރި ކަމަށާއި ކޮވިޑުން ރައްކާތެރި ކޮށްދޭނެ މިންވަރު އެމެރިކާގެ ސީޑީސީ އާއި ޑަބްލިއުއެޗްއޯގެ އިތުރުން ވެކްސިން އުފެއްދި މައި ކުންފުނިންވެސް ބުނަމުން ދިޔައެވެ. ނަމަވެސް ލޭގަނޑުވާ މައްސަލައިގައި ފުރާނައަށް ނުރައްކާވާ ކަމަށް ކޯޓުގައި އެއްބަސްވި މިއީ ފުރަތަމަ ފަހަރެވެ.