ހުސްވެފައިވާ ކޮމަންދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ކެންޑިޑޭޓުގެ ކެމްޕެއިނަށް އެ ކޯލިޝަނުގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން މާދަމާ އެ ދާއިރާގެ ރަށްތަކަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ ކޮމަންޑޫ ދާއިރާގެ 3 ރަށަށް ޕީޕީއެމްގެ ކެންޑިޑޭޓު މޫސާ ފަތުހީ އާދަމްގެ ކެމްޕެއިނަށް ރައީސް ޔާމީން މާދަމާ ވަޑައިގަތުމަށް ހަަމަޖެހިފައިވާ ކަމަށާއި މި ދަތުރުފުޅުގައި ށ. ފުނަދޫ ރައްޔިތުން އިންތިޒާމުކުރާ އިންޑިއާ އައުޓު ހަރަކާތުގައި ވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

އެ ކޯލިޝަނުން އިތުރަށް ބުނީ މޫސާ ފަތުހީގެ ކެމްޕެއިނަށް މި ވަގުތު ލީޑާޝިޕް އާއި އަންހެނުން އަދި ޒުވާނުން ހިމެނޭޙެން ޓީމެއް އެ ދާއިރާގެ 3 ރަށުގައިވެސް ދަނީ ހަރަކާތްތެރި ވަމުން ކަމަށެވެ.

އެ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު މުހައްމަދުގެ ރާޝިދުގެ ކެމްޕޭނަށް ސަރުކާރުގެ ވަފުދެއްވެސް ވަނީ ވަޑައިގެންފައެވެ. އެ ވަފުދުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަދި އދ. އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން މުހައްމަދު ހިމެނިވަޑައިގަންނަވައެވެ. އަދި އެބޭފުޅުންނާއެކު އެ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދުގެ ދަރިކަނބަލުން ނަޝާ ހުސެއިން ވެސް ކޮމަންޑުއަށް ވަޑައިގެންނެވިއެވެ.

ރާޝިދުގެ ކެމްޕެއިނަށް މިދިޔަ ހަފްތާގެ ހުކުރު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަޑައިގެންނެވިއެވެ. ރައީސްއާއެކު އެ ދަތުރުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިބްރާހިމާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ވަޑައިގެންނެވިއެވެ.

ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސްގެ ކެމްޕެއިން ހަރަކާތްތައްވެސް ފޯރީގައި ކުރިއަށްދެއެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގައެވެ. އެ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅެއްގައި އުޅުއްވަނިކޮށް މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ.