މާލީ އަދި އިގުތިސޯދީ ހީނަރުކަމުގެ އަނދަވަޅަކަށް ވެއްޓިފައި ވާ އަވަށްޓެރި ސްރީލަންކާގެ އިގުތިސޯދު ތަރައްގީ ކުރުމަށްޓަކާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރި (އެސްއެމްއީ) ތަކަށް ހާއްސަކޮށްގެން އެއްބާރުލުން ދޭނެ ކަމަށް، އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ހާމަކޮށްފިއެވެ.

އޭޑީބީގެ ފަރާތުން މިކަން ހާމަ ކުރެއްވީ، އެ ބޭންކުގެ ނައިބު ރައީސް ޝިޝީން ޗެން، ސްރީލަންކާގެ ރައިސް ގޮތަބާޔާ ރާޖަޕަކްސައާ އެ ގައުމުގައި ބައްދަލު ކުރައްވާ، ދެއްކެވި ވާހަކައިގައި ކަމަށް، ސްރީލަންކާގެ ރިޔާސީ މީޑިއާ ޑިވިޝަނާ ހަވާލާދީ، އެ ގައުމުގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

މި ބައްދަލު ކުރެއްވުމުގައި ޗެން ވަނީ، އޭޑީބީގެ އެހީގައި ސްރީލަންކާގައި ހިންގާ މަޝްރޫއުތަކުގެ ކާމިޔާބީ ފާހަގަ ކުރައްވާ، އެކަމަށް ތައުރީފު ކުރައްވާފައެވެ.

ސްރީލަންކާގައި 27 މަޝްރޫއެއް ހިންގުމަށް، އޭޑީބީއިން މި އަހަރު ވަނީ 786 މިލިއަން ޑޮލަރު ކަނޑައަޅާފައެވެ. މީގެ އިތުރުން 68 ގައުމުގެ ބައިވެރިވުމާއެކު އޮންނަ އޭޑީބީގެ އަހަރީ ޖަލްސާވެސް، މި އަހަރުގެ މެއި 02 އިން 05 އަށް، ސްރީލަންކާގައި ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.

ކޮވިޑް-19އަށް ފަހު، މޫސުމީ ނޭދެވޭ ބަދަލުތަކަށް އަހުލުވެރިވެފައިވާ ފެހި އިގުތިސޯދެއް ޕްރޮމޯޓު ކުރުމުގެ ޝިއާރުގެ ދަށުން ކުރިއަށް ގެންދަން ރާވާފައި ވާ މި ބައްދަލުވުމުގައި ލަންކާގެ އިތުރުން ދުނިޔޭގެ އެކި މަންޒިލްތަކުން 5000 އެއްހާ މެންބަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހަބަރު ލިބެއެވެ.