އިއްޔެގެ ވަގުތެއްގައި ސްރީލަންކާގެ ރައީސް ކަމުގެ މަގާމަށް އައްޔަން ކުރެއްވި ރަނީލް ވިކްރަމަސިންހަ، މަގާމުގެ ރަސްމީ ހުވާ ކުރައްވައިފިއެވެ.

6 ފަހަރެއްގެ މަތިން ސްރީލަންކާގެ ބޮޑުވަޒީރު ކަންވެސް ކުރައްވާފައި ވާ ރަނީލް ވިކްރަމަސިންހަ، ސްރީލަންކާގެ ރައީސް ކަމުގެ ހުވާ ކުރައްވާފައި ވަނީ، ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަ ކޮށްފައި ވާ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ.

ސްރީލަންކާގެ މިނިވަން ކަމުގެ ތާރީހު ދުށް އެންމެ ފުން އިގުތިސޯދީ އަނދަވަޅަށް ގައުމު ވައްޓާލި ކަމަށް ގިނަ ބަޔަކު ތުހުމަތުގެ އިނގިލި އަމާޒު ކުރަމުން ދިޔަ އިސްތިއުފާ ދެއްވި ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ އެންމެ ފަހު ބޮޑުވަޒީރުގެ މަގާމުގައި ހުންނެވުމަށް ފަހު ސްރީލަންކާގެ ވަގުތީ ރައީސްކަންވެސް ކުރެއްވި ރަނީލް ވިކްރަމަސިންހަ، ސްރީލަންކާގެ ރައީސް ކަމުގެ މާގަމަށް އައްޔަން ކޮށްފައި ވާ އިރު، އާންމުންގެ މެދުގައި އޭނާގެ މަގުބޫލުކަންވެސް ވަނީ އިންތިހާއަށް ގެއްލިފައެވެ.

ރަނީލް ވިކްރަމަސިންހަ އިސްތިއުފާ ދެން ދެކަށް މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް، ގޯލް ފޭސް ސަރަހައްދުގައި އަޑު އުފުލަމުންދާ ރައްޔިތުން ވަނީ ބުނެފައެވެ.

އެމްޕީ ދުއްލާސް އަލަހަޕެއްރުމާއާ ވާދަ ކުރައްވާ، ސްރީލަންކާގެ ރައީސް ކަމުގެ މަގާމު ވިކްރަމަސިންހަ ކާމިޔާބު ކުރެއްވީ 134 މެންބަރުންގެ ތާއީދާއެކުގައެވެ. ސްރީލަންކާގެ ރައީސް ހޮވުމަށް އެ ގައުމުގެ ގާނުނު ހަދާ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ވޯޓުގައި 223 މެންބަރުން ވޯޓުދެއްވިއެވެ. 2 މެންބަރަކު ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. 4 ވޯޓެއް ބާތިލު ކަމަށް ވަނީ ކަނޑައަޅާފައެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުން އެ ގައުމުގެ ރައީސް ކަމުގެ މަގާމަށް ރަނީލް ވިކްރަމަސިންހަ އިސް ކުރެއްވީ ރައްޔިތުންގެ ފިކުރާ ދެކޮޅަށް ކަމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ.

ގޮތަބާޔާގެ އިސްތިއުފާއާ ގުޅިގެން ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށް ގެންދިޔަ ވޯޓަށް ފަހު ސްރީލަންކާގެ ރައީސް ކަމުގެ މަގާމަށް ރަނީލް ވިކްރަމަސިންހަ އައްޔަން ކުރެއްވީ ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

ސްރީލަންކާގެ ގިނަ ބަޔަކު ދަނީ ވިކްރަމަސިންހަގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. ގިނަ ބަޔަކު ސިފަ ކުރާ ގޮތުގައި ވިކްރަމަސިންހައަކީ ސްރީލަންކާގެ ސިޔާސީ މަސްރަހަށް ވަރުގަދަ ނުފޫޒެއް ފޯރުވި ރާޖަޕަކްސަ ހާންދާނުގެ ހިޔަނީގައި މަސައްކަތް ކުރެއްވި ލީޑަރެކެވެ.

އިނދަޖެހިފައި އޮތް ސްރީލަންކާގެ ރިޔާސަތުގައި ހުންނެވި ގޮތަބާޔާ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލާ، ގޯލް ފޭސް ސަރަހައްދު ފުރާލި މުޒާހަރާތައް ގައުމުގެ އެކި ހިސާބުތަކަށް ފެތުރި، ގައުމު ދޫކުރައްވާ ފިއްލަވަން މަޖުބޫރުވެވަޑައިގެންނެވި ދަރަޖައަށް ކުރިއަށް ގެންދިޔަ މުޒާހަރާތައް، މިހާރު އަމާޒު ކޮށްފައި ވަނީ ރަނީލްގެ ސަރުކާރު ވައްޓާލުމަށެވެ.

މަޖިލީހުގެ ވޯޓުން އައްޔަން ކުރައްވާ ރައީސަކު ފުރިހަމަ ކުރައްވާނީ ސްރީލަންކާގެ ރައީސް ކަމުގެ މަގާމުގައި ހުންނެވުމަށްފަހު ގައުމު ދޫކުރައްވާ ފިއްލަވައިގެން ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގެންނެވި ގޮތަބާޔާ ރާޖަޕަކްސަގެ ދައުރުން ބާކީ އޮތް ދުވަސްތަކެވެ. އެ ދައުރު ހަމަވާނީ 2024 ގައެވެ.