މުޅި އިގުތިސޯދުގެ ހިންގުން ހަރުދަނާ ކުރުމަށް އެކަށީގެންވާ އޮނިގަނޑެއް އެކުލަވާލެވުމުގެ ކުރިން، އަވަށްޓެރި ސްރީލަންކާއަށް މާލީ ގޮތުން އިތުރު އެހީތަކެއް ފޯރުކޮށް ނުދޭނެ ކަމަށް، ވޯލްޑް ބޭންކުން ބުނެފިއެވެ.
ވޯލްޑް ބޭންކުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، އިގުތިސޯދު ހަމައަކަށް އެޅުވުމުގެ އިތުރުން އެ ގައުމަށް މިއަދު ވެއްޓިފައި އޮތް ކާރިސީ އަނދަވަޅަށް ވެއްޓުނު މައިގަނޑު ސަބަބުތައް ކަމަށް ވާ ބޭރު ފައިސާގެ ރިޒާވް ހީނަރުވުމާއި، ކާބޯތަކެއްޗާއި ތެލާއި ބޭހުގެ ދަތިކަން ކުރިމަތިވުމުގެ ހަގީގީ މައްސަލަތަކަށް ރިއާޔަތް ކުރަނިވި އިސްލާނީ އޮނިގަނޑުތަކެއް ލަންކާއިން ގެންނަން ޖެހޭ ކަމަށެވެ.
އިގުތިސޯދީ ގޮތުން މިއަދު ސްރީލަންކާއަށް ކުރިމަތިލާން ޖެހިފައި ވާ ހައްސާސީ ހާލަތާއި، އެ ހާލަތުގެ ސަބަބުން ސްރީލަންކާގެ ރައްޔިތުންނަށް ފޯރަމުންދާ އަސަރާ މެދު އެ އިދާރާއިން އިންތިހާއަށް ކަންބޮޑުވާކަމަށްވެސް ވޯލްޑް ބޭންކުގެ ބަޔާނުގައި ބުނެފައިވެއެވެ.
ބޭހާއި ކައްކާ ގޭހުގެ އިތުރުން ގަހު ކަނާއާއި ކުޑަ ކުދިންގެ ކާނާގެ އިތުރުން ނާޒުކު ގޭބިސީތަކަށް ބޭނުންވާ ނަގުދު ފައިސާ ފޯރުކޮށްދިނުމުގެ މަސައްކަތް ވޯލްޑް ބޭންކުން މިހާރުވެސް ކުރިއަށް ގެންދާއިރު، އެ ފައިސާ ހަމަޖައްސަނީ ލަންކާއަށް މިހާރު ދޫކޮށްފައިވާ ލޯނުތައް ރީޕަޕަސްކޮށްގެން ނުވަތަ ލޯނު ދޫކުރި މަގުސަދަށް ބަދަލު ގެނެސްގެންނެވެ.
ވޯލްޑް ބޭންކުން ފޯރުކޮށްދޭ އެހީ، އިންސާފުވެރިކަމާއެކު ބެހިގެން ދޭތޯ ކަށަވަރު ކުރުމަށް ސްރީލަންކާއާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުން ދާ ކަމަށްވެސް އެ އިދާރާއިން ވަނީ ހާމަ ކޮށްފައެވެ.
އިސްތިއުފާ ދެއްވި ރައީސް ގޮތަބާޔާ ރާޖަޕަކްސަ ޖޫން މަހު ވަނީ، ވޯލްޑް ބޭންކުން 17 މަޝްރޫއަކަށް ދޫކޮށްފައިވާ އެހީ ރީސްޓްރަކްޗާ ކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)އާއެކު ކުރިއަށް ގެންދާ މަޝްވަރާތަކަށް ފަހު އިތުރު މާލީ އެހީ ލަންކާއަށް ވަންނާނެ ކަމަށްވެސް އޮތީ ވިދާޅުވެފައެވެ.
ޖުލައި 13 ވަނަ ދުވަހު ގައުމު ދޫކޮށް ފިއްލަވާ، ދިވެހިރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގަތުމަށްފަހު ގޮތަބާޔާ ރައީސް ކަމުން އިސްތިއުފާ ދެއްވާފައި ވާ އިރު، އެ ހިނދުން ފެށިގެން ސްރީލަންކާގައި އަދިވެސް އޮތީ ކުއްލި ނުރައްކާ އިއުލާން ކޮށްފައެވެ.